އދ.އިން ރާއްޖެއަށް ހަދިޔާކުރި ގިނަ ޢަދަދެއްގެ ޕީ.ޕީ.އީތައް ސަރުކާރާ ޙަވާލުކޮށްފި

ޚަބަރު ފަހުގެ ޞިއްހަތު

ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމަށް އދ އިން ހަދިޔާކުރި ޕީ.ޕީ.އީ ސަރުކާރާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ކޯވިޑް-19 އިންޓަގްރޭޓެޑް ރެސްޕޯންސް ސަޕޯޓްގެ ދަށުން އދ އިން ދިވެހިރާއްޖެއަށް ހަދިޔާކުރާ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް އަކީކޯ ފޫޖީއެވެ. އަދި މިތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދެވެ.

އިޝްތިހާރު
އިޝްތިހާރު

ޔޫ.އެން.ޑީ.ޕީން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 1080 ހެޒެމްޓް ސޫޓް، 10،080 އެން-95 މާސްކް، 5000 ސަރޖިކަލް ގައުންސް، 6000 ސަރޖިކަލް މާސްކް، 400 ގޮގްލްސް، 6000 ހެޑް ކަވަރސް، 5000 ޝޫ ކަވަރސް އަދި 2000 ފޭސް ޝީލްޑާއި 10،000 އެގްޒަމިނޭޝަން ގްލަވްސްއެވެ.

މިތަކެތި ބޭނުންކުރާނީ ކޯވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށާއި، ކޯވިޑް-19އިން ރައްކާތެރިވުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޔޫ.އެން.ޑީ.ޕީ އިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޤުދުރަތީ ގޮތުން ދިމާވާ ކާރިސާތަކާ ކޯވިޑް-19 ފަދަ ބަލިމަޑުކަމުގައި އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫ.އެން.ޑީ.ޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކީ ފޫޖީ ވަނީ ކޯވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށާއި، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ. އަދި ފަތުރުވެރިކަން އަލުން ހުޅުވާލެވިގެންދާއިރު، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޕީ.ޕީ.އީ ތައް މުހިއްމު ދައުރެއް އަދާކުރާނެކަން ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައާއި، ކޯވިޑް-19ގެ ސަބަބުން ލިބުނު އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އދގެ ޓީމުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރުން ފާހަގަ ކުރެއެވެ. މިއަދުވެސް ފެނިގެން މިދިޔައީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން ކުރެވޭ މަސައްކަތުގެ މިސާލެއްކަމަށް ސަރުކާރުންވަނީ ފާހަގަކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ