މިއީ ވަރަށް ހޫނު މައުޟޫއެވެ. ތިކި ޖެހި ތާނަ ބޭނުން ކުރުމުގެ ބަހުސަށްފަހު ދިވެހި ބަހާމެދު ކުރެވޭ އެންމެ ހޫނު އެއް ބަހުސެވެ. މި ބަހުސްތައް ގިނައިން އެޖެންޑާ ކުރެވެނީ މީސްމީޑިއާގައާއި ކޮފީ މޭޒުތަކުގައެވެ. މިއީ އަދުގެ ގިނަ ޒުވާނުންނާއި އިއްޔެގެ ހަރު މީހުންގެ މެދުގައި އޮތް މައްސަލައެއް ކަމަށް ހީވިޔަސް މިއީ އެއަށްވުރެ މާ ނާޒުކު މައްސަލައެކެވެ.
ދިވެހި ބަހުގައި އޮންނަނީ ތަފާތު ތިން ދަރަޖައެކެވެ. އެއީ އާދައިގެ ގޮތާއި މާތްގޮތާއި އެންމެ މާތްގޮތެވެ. ދެން އޮންނަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށާއި މާތް ނަބިއްޔާއަށް ނިސްބަތްކުރެވޭ ޚާއްޞަ ލަފުޒު ތަކެކެވެ. ނުވަތަ ޚާއްޞަ ދަރަޖައެކެވެ.
މާތްﷲ ވަޙީކުރެއްވުމާއި އެ ކަލާނގެ ބައްލަވާ ވޮޑިގެންވުމާއި އައްސަވާ ވޮޑިގަތުންފަދަ ގަދަރާއި ހަބަތުހުރި ލަފުޒުތަކެވެ. ކީތިރި ރަސޫލާ ހަދީސްކުރެއްވުމާއި ހިނިވަރުނަކުރެއްވުންފަދަ އިޙްތިރާމާއި ގަދަރާއި ލޯބި ހާމަކޮށްދޭ ލަފުޒުތަކެވެ.
ދަރަޖަތަކުގެ ތެރޭގައި ހިމެނޭ އާދައިގެ ގޮތަކީ “އާނ، ހޫނ” ބޭނުންކޮށްގެން އާންމުކޮށް ރަހުމަތްތެރިންނާ ވާހަކަ ދައްކާ ގޮތެވެ. މާތް ގޮތަކީ “ލައްބަ’ ދުުރުވުން” ބޭނުންކޮށްގެން ވާހަކަ ދައްކާ ދަރަޖައެވެ. ކުރީ ޒަމާނުގައި އޮފީސްތަކާއި ރަށްރަށުގެ ކަމުވޮށި ވެގެންވާ ފަރާތްތަކާއި އާއިލާތަކުގެ އިސް ފަރާތްތަކާ ވާހަކަ ދައްކަނީ މި ދަރަޖައިންނެވެ. ޢާއިލާތެރޭގައި ވެސް މައިންބަފައިންނާ ވާހަކަ ދައްކާއިރު ދަރިން ބޭނުންކުރަން މިއީ ރީތި ގޮތެކެވެ. ދަރިވަރުން މުދައްރިސުންނަށް ކުރީ ޒަމާނުގައި ވާހަކަ ދައްކާ އުޅުނީ މި ދަރަޖައިންނެވެ. އޮފީސްތަކުގައި ވަކީލުން ފެށިގެން ދަށުގެ ވެރީންނަށް ވާހަކަ ދައްކަންވީ މި ދަރަޖައިން ކަމުގައި ސަރުކާރުން އެންގެވި ދުވަސްވަރެއް ވެސް ދިޔައެވެ. އެންމެ މާތް ގޮތަކީ “އާދެ، ވަޑައިގެންނެވުން” ބޭނުން ކުރެވޭ ދަރަޖައެވެ. އެންމެ އިސްވެރިންނަށް މުޚާޠަބު ކުރެވޭ ދަރަޖައެވެ. ރަސްކަމުގެ ދުވަސްވަރު ގަނޑުވަރު ތެރޭގައާއި ޝާހީ ޚާންދާނުގައި ބޭނުންކުރެވުނު ދަރަޖައެވެ. މިހާރު އޮފީސް ތަކުގައި ލިޔެހަދައި އަދި ވާހަކަ ދައްކާ ރަސްމީ ދަރަޖައަކީ މިއީ އެވެ. އެކަމަކު އެ މީހަކަށްވުރެ ކުޑަތަންކޮޅެއް ސީނިއަރ ވެއްޖެނަމަ އޮފީސްތަކުގައި “ލައްބަ، ދުރުވަން” ބޭނުންކުރެއެވެ.
ކަން މިހެން އޮތުމުންކަން ނޭނގެއެވެ. ދަރަޖަތައް ހިފަހައްޓާ ފަރާތްތަކުން ވެސް މި ފަހަކަށް އައިސް ބޭނުންކުރާތީ ގިނައިން އަޑުއިވެނީ އާދައިގެ ގޮތާއި އެންމެ މާތްގޮތެވެ. އަދި އާދައިގެ ރައްޔިތުންނާ މުޚާތަބުކުރެވޭއިރު ވެސް އެންމެ މާތް ދަރަޖައިން ވެރިން މުޚާޠަބު ކުރައްވަން ފައްޓަވައިފިއެވެ. މިއީ ރައްޔިތުންނާމެދު “އަޅުން”ގެ ގޮތުގައި ވެރިން މުއާމަލާތް ކުރައްވާ ޒަމާނެއްނޫނެވެ. އާދައިގެ ދަރަޖައާއި އެންމެ މާތް ދަރަޖައިން މުއާމަލާތް ކުރާއިރު މެދުގައި ގޮތް ދަރަޖައިން ލަފުޒުތައް ނަގައި ދަނީ މަސްހުނިކުރެވެމުންނެވެ.
ދަރަޖަތަކާ ދެކޮޅަށް ވަކާލާތު ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ދަރަޖަތައް ބޭނުންކުރުމަކީ ތަފާތުކުރުމެވެ. ތަފާތުކުރުން ގެންގުޅުމެވެ. އެއީ “ބޭފުޅިޒަމް”ގެ ކަމެކެވެ. ދަރަޖަތަކާ ދެކޮޅަށް ވަކާލާތުކުރާ ފަރާތް ތަކުން ގޮވާލަމުން ދަނީ ދަރަޖަތައް އުވާލުމަށެވެ. އެންމެންނާ ވެސް އެއް ހަމައަކުން ވާހަކަ ދެއްކޭނެ ގޮތެއް ތަޢާރަފު ކުރުމަށެވެ. އެންމެންނަށް އެނގޭ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ފަރާތް ތަކަށް ވެސް ގަދަރުވެރި ދަރަޖަތަކުން މުޚާތަބު ކުރުމަކީ އެ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ.
މިސާލެކެވެ. ނޮވެންބަރު ތިނެއްގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ބަންޑާރަ ނާއިބު، އެ ޢުދުވާނީ ހަމަލާ ރާވައި ހިންގުމުގައި އެންމެ އިސްކޮށްހުރި ޢަބްދުﷲ ލުޠުފީއާ ސުވާލުކުރެއްވީ މާތް ބަހުންނެވެ. އެއީ ލުޠުފީއަކީ ބޭފުޅަކަށް ވާތީއެވެ. އެހެން މީހުންނާ އާދައިގެ ބަހުރުވައިންނެވެ. އެކަމަކު މިހާރު ޝަރީޢަތުގެ މަޖިލިސް ތަކުގައި ކޮންމެ މީހަކާ ވެސް މުޚާޠަބު ކުރެވެނީ އެއްގޮތަކަށެވެ. އެއް ދަރަޖައަކުންނެވެ. އިޙުތިރާމާއެކުގައެވެ.
ދަރަޖަތައް އޮތުމަށް ވަކާލާތުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ދިވެހި ބަހުގައި ދަރަޖަތަކެއް ހުރުމަކީ އަދަބީ ގޮތުން ބަހަށް ލިބޭ ފުރިހަމަކަމެކެވެ. ދިވެހިބަސް އުފެދުނު ކަމަށް ބެލެވޭ ސަަންސްކްރިތު ބަހުގެ އާއިލާއަށް ނިސްބަތްވާ އެހެނިހެން ބަސްބަހުގައި ވެސް ހުންނަ ޚާއްޞަ ސިފައަކަށް ވާތީ ވެސްމެއެވެ. އެ ބަސްބަހުގެ އަހުލުވެރީން އެކަމާ އުނދަގޫ ވެގެން، ކަންބޮޑުވެގެން އުޅޭތީ ނުފެންނައިރު އަޅުގަނޑުމެންނަށް ވެގެން މިއުޅެނީ ކީއްތޯ އެފަރާތްތަކުން ސުވާލުކުރެއެވެ. އެ ބައި މީހުން ދެކެނީ އެއީ ބަހަށް ލިބިގެންވާ ޝަރަފެއް ކަމަށެވެ. އިތުރު ފުރިހަމަ ކަމެއް ކަމަށެވެ. ދިވެހިބަހުގައި އޮތް މި ޚާއްޞަ ހައިޞިއްޔަތުން އަޅުގަނޑުމެން ވެރި އިލާޙުގެ މައްޗަށާއި މާތް ނަބިއްޔާގެ މައްޗަށް ގަދަރާއި އިހުތިރާމާއި ލޯބި ބޮޑުކޮށްދެއެވެ. އެކި ދަރަޖަތަކުގެ ވެރިންނާއި މުދައްރިސުންނާއި ޢިލްމުވެރިންނާއި ދުވަސްވީ އިސް ޚިދުމަތްތެރިންނާއި މައިންބަފައިންގެ މައްޗަށް އިހުތިރާމާއި ލޯބި އިތުރުކޮށްދެއެވެ. މިކަންކަމުން މުޖުތަމަޢުގެ އަގުތައް ހިފަހައްޓައިދެއެވެ.
ދަރަޖަތައް ބޭނުންކޮށްގެން ވާހަކަ ދައްކަން އެންމެ ހިތްވަރުކުރާ އެއް އެއްބަޔަކީ ޚިދުމަތްދޭ ބޮޑެތި ކުންފުނިތަކަށް ފޯނުން ގުޅީމާ ޖަވާބުދޭން ތިބޭ ޒުވާންކުދިންނެވެ. ބައެއް ފަހަރު އެ ކުދިން އަމިއްލައަށް “އަޅުގަނޑު ވިދާޅުވީ” އޭ ބުނެއެވެ. ފޯނު ލައިންގައި މަޑުކޮށްލުމަށް ބުނެފައި “އަޅުގަނޑު މި ބައްލަވައި ދެއްވަނީ” އޭ ވެސް ބުނެއެވެ. ބައެއް ޓީވީ އާއި ރޭޑިއޯ ޕްރޮގްރާމްތަކާއި އިންޓަރވިއު ތަކުގައި ބައިވެރިވާ ބޭފުޅުންނަށް އިހުތިރާމު އަދާކުރުމުގެ ގޮތުން “ތި ދެންނެވީ” އޭ ބުނާ އަޑުއިވެއެވެ. މިކަމުން އެނގެނީ ދިވެހި ބަހުގައިވާ ދަރަޖަތައް ބޭނުންކޮށްގެން ރީތިކޮށް ވާހަކަ ދައްކަން ބޭނުންވާ އިދާރާތަކާއި ޒުވާނުން ވެސް އުޅޭ ކަމެވެ. އެ ކުދިންނަށް ނޭނގެނީއެވެ. ނޭނގޭނަމަ ޖެހޭނީ ދަސްކުރާށެވެ. އެ މީހަކަށް ނޭނގޭ ކޮންމެ ކަމެއް ނެތްކަމަކަށް ހެދުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި އެކަމެއް ދަސްނުކޮށް ހިތުހުރި ގޮތަކަށް ބޭނުންކުރުމަކީ އަދި މާ ބޮޑު މައްސަލައެކެވެ. ދަރަޖަތައް އޮޅުވައި ރޯނުބައިކޮން މަސްހުނިކޮށްގެން ބޭނުންކުރުމަކީ އެ މީހަކު ލަދުގަންނަން ޖެހޭ ކަމެކެވެ. އެހެންމީހުން ލަދުގަންނަން ޖެހޭ ކަމަކަށް ވެގެން ނުވާނެއެވެ.
ދިވެހިބަސް އޮތްހާ ދުވަހަކު ދިވެހި ބަހުގެ ދަރަޖަތައް އުވި ހިނގައިދާނެ ކަމަކަށް ނުފެނެއެވެ. ކުރާންވީ ކަމަކީ ޒަމާނުގެ ދޮރާށީން ބަސް އެތެރެކުރުމެވެ. ރަސްކަން އުވި ޖުމްހޫރީ ވެރިކަން ފެށިއްޖެއެވެ. ޑިމޮކްރަސީ އަތުވެއްޖެއެވެ. ޖުމްހޫރީ ވެރިކަމަކީ ހަމައެކަނި ރައްޔިތުންގެ އާންމު ވޯޓަކުން ވެރިއަކު ހޮވުމަށްވުރެ މާ ބޮޑު ބަދަލެކެވެ. އެ ބަދަލާއެކު އަންނަން ޖެހޭ ބަދަލުތައް ގިނަގުނައެވެ. ބައްޕާފުޅާއި މަންމާފުޅަކީ މީގެ މިސާލެކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކީ ރަސްމަތިފުށުގެ ބޭފުޅަކަށް ނުވަންޏާ އެ ބޭފުޅެއްގެ ވެސް ހުންނަވަން މި ޖެހެނީ މަންމައާއި ބައްޕައޭ ބުނެވެއެވެ. މަންމާފުޅެއް، ބައްޕާފުޅެއް ނުކިޔޭނެޔޭ ބުނެވެއެވެ. މިހިރީ ބަދަލުވާންޖެހޭ ވިސްނުންތަކެވެ. ދަރަޖަތައް ވަކި ދަރިކޮޅަކަށް ޚާއްޞަ ކުރި ދުވަސް މާޒީ ވެއްޖެއެވެ. މިއީ ކޮލިލައި ހަދާ ޒަމާނެއް ނޫނެވެ. މިއީ ބޮޑު ރަސްގެފާނުގެ ބައްޕާފުޅުގެ ނަސަބާއިހަސަބު ދަށްކަމުން ބަޔަކު އެ ރަދުންގެ ރަސްކަމާ ގަބޫލުނުވެގެން ބައްޕާފުޅު މާތް ބޭފުޅަކަށް ހެއްދެވުމަށް މާފަތްކަމަށް ކޮލި ލެވުނު ޒަމާނެއް ނޫނެވެ. ދަރިން މާތް ވަނީ ހަމައެކަނި ބައްޕަ ނޫނީ މަންމަ ފަރާތުން ނުވަތަ ހަތްދަށު ކޮއްޔެއް ލެވިގެންކަމަށް ދެކުނު ޒަމާނެއް ވެސް ނުމެނޫންމެއެވެ.
ދީނުގެ ކުރިމަތީގައި އެންމެން ހަމަހަމައެވެ. އެ ހަމަހަމަކަން ތަފާތުކުރެވެނީ ތަޤުވާވެރިކަމުންނެވެ. އެއީ އަޅާއާއި އޭނާގެ ވެރި ރައްބާ ދެމެދުގައި އޮންނަކަމެކެވެ. ގާނޫނުގެ ކުރިމަތީގައި ވެސް ހުރިހާ ރައްޔިތުން ހަމަހަމައެވެ. ޤާނޫނުން ލިބިދޭ އިމްތިޔާޒެއް ނޫނީ ލިބިގެން ހަމަ އެކަކަށް ވެސް ލިބިގެނެއް ނުވެއެވެ.
ބަހުގެ ދަރަޖަތަކެއް ހުރުމަކީ ދިވެހިބަހަށް ހަގީގަތުގައި ވެސް ލިބޭ މުއްސަނދިކަމެކެވެ. މައްސަލަކީ ހެޔޮ ގޮތުގައި ރީތިކޮށް ގަވާއިދާ އެއްގޮތަށް ބޭނުންކުރަން ނޭނގުމެވެ. އަދި ޒަމާނަށް އައިސްފައިވާ ބަދަލުތަކާ އެއްގޮތަށް ކަންކަން ބައްޓަން ނުވެ، ހިފެއްޓިފައި އޮންނަ އޮތުމެވެ. ބަހުގެ ގަވާއިދުތަކާއި ހަމަތައް އިސްލާހުކުރުމަށް މިއަދު ކުރެވޭ މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ މާދަމާ ފެންނާނެއެވެ. އުންމީދަކީ އެއީއެވެ (ނިމުނީ)