ށ ފުނަދޫ ގަހާ އަވާދު މުހައްމަދަކީ ފޮޓޯ އާއި ވީޑިޔޯގުރަފީގައި ފިޔަޖަހަމުން އަންނަ ޒުވާން ތަރިއެކެވެ. ސްކޫލް ދައުރުގައި އުފެދުނު ޝައުގާއެކު ފޮޓޯ އަދި ވީޑިޔޯ ގުރަފީގެ ތެރެއަށް އަވާދު ފީނަން ފެށި ގޮތަށް މިއަދުވެސް އެހުރީ އެކަމުގައެވެ.
އިންސްޓާގްރާމް، ފޭސްބުކް އަދި ޔޫޓިޔުބުގައި އަވާދުގެ ހުނަރުވެރިކަން ފެނިގެންދާ އެތަކެއް މަންޒަރުތައް އެބަހުއްޓެވެ.
ފަށަމުންވެސް ބުނިފަދައިން، އަވާދު ފޮޓޯ އަދި ވީޑިޔޯގެ ދާއިރާއިން ކުރިއަށްދާންފެށީ ސްކޫލްގައި ތައުލީމް ހާސިލް ކުރި ދުވަސްވަރުއެވެ. އެއީ އަވާދުގެ އުމުރުން 15 ނުވަތަ 16 އަހަރުގައެވެ. ފުރަތަމަ މި ދާއިރާގެ މަސައްކަތް ކުރަން ފެށީ އޭނާ ގެންގުޅުނު ފޯނުންނެވެ. އެއީ އާދައިގެ ފޯނެކެވެ. މިހާރު ޒުވާން ކުދިން ގެންގުޅޭ ކަހަލަ ކެމެރާ ވަރުގަދަ ފޯނެން ނޫނެވެ. އަވާދު އޭރު ފޮޓޯ އާއި ވީޑިޔޯ ނަގަނީ އެފޯނުންނެވެ. އަދި އެޑިޓުވެސް ކުރަނީ އެއިންނެވެ. އެކަމަށް ނިމުމެއް ގެނައުމުގެ ވިސްނުމުގައި ހުރި އަވާދަށް އެކަން ހާސިލްވީ 18 އަހަރު ފުރި ވަޒީފާއަކަށް ދެވުނު ފަހުންނެވެ. ރަނގަޅު ފެންވަރުގެ ކެމެރާއެއް ހޯދުނު ހިސާބުން މަސައްކަތް އިހުނަށްވުރެ ކުރިއަށް ޖައްސާ، މައިދާނުގައި ކުރިއަށް ފިޔަވަޅެއް އެޅުނެވެ.
އަވާދުގެ މިހުނަރުން ފުރިގެންވީ ދަތުރުގައި އޭނާ ވަނީ އަލަށް ޒަވާޖީހަޔާތް ފެށުމުގެ އުފަލުގައި ބާއްވާ ހަފުލާތައްވެސް ވީޑިޔޯ ކޮށްދީ އެހަނދާންތައް ދާއިމަށް އެމީހުންނަން ރައްކާ ކޮށްދީފައެވެ. މީގެ އިތުރުން ގުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ އެތަކެއް މަންޒަރުތައް އެހުރީ ފެންނާށެވެ.
މިވަގުތު އަވާދު ކުރަމުން ގެންދާ މަސައްކަތަކީވެސް ފާހަގަ ނުކޮށް ދޫކޮށްނުލެވޭނެފަދަ ތަފާތު، ބުރަ އަދި އެހާމެ ފުރިހަމަ މަސައްކަތެކެވެ. އެއީ ފުނަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ކައުންސިލް ކަޕް 2020 (8ވަނަ އިންޓައޮފީސް ފުޓްސަލް މުބާރާތް)ގެ ހުރިހާ މެޗުތަކެއްގެ ހައިލައިޓް ތައްޔާރުކޮށްދިނުމެވެ. އޭނާ އެކަން ކޮށްދެމުން އަންނަނީ އެއްވެސް އަގަކާނުލާ ރަށު ލޯބީގައެވެ. އަދި މިއީ ދާއިރާއިން ކުރިއަށްދާން ލިބުނު ރަނުގެފުރުސަތެއްކަމަށް ބަލައިގެންނެވެ.
އަވާދު ޤަބޫލުކުރާގޮތުގައި ގޮތުގައި އޭނާއަށް މިދާއިރާގައި ކާމިޔާބުކަމާއިއެކު ކުރިޔަށްމިދެވެނީ އާއިލާއާއި އެކުވެރިންގެ ފަރާތުންލިބެމުންދާ ހިއްވަރާއި އެއްބާރުލުމުގެ ސަބަބުންނެވެ. ހަމައެއާއެކު އެކުވެރި ފޮޓޯ އަދި ވީޑިޔޯގުރަފަރުންގެ ފަރާތުންލިބޭ އެހީތެރިކަން އަވާދު ފާހަގަކުރެއެވެ. އަދި އެމީހުންގެ ތަޖުރިބާގެ އަލީގައި އަވާދު ކުރާ މަސައްކަތްތަކުގައި ރަނގަޅު ކުރަންވީ ކަންތައް ނުހަނު ހިތްހެޔޮކަމާއެކު ބުނެދެއެވެ.
ގޮށްކޮޅުގެ ފަރާތުން އެދެނީ އަވާދަށް އިތުރު ކުރިއެރުމާއި ކާމިޔާބީތައް ލިބުމެވެ. އަދި މިދައިރާއިން އަވާދު ދެކެމުންދާ ހުވަފެންތަކުގައި ކުލަޖެހިގެންދާނެ ދުވަހެއް ދެއްކެވުމެވެ.