ނޮވެންބަރ 21 ވަނަ ދުވަހު ފެށި ފުނަދޫ ކައުންސިލް ކަޕް (އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2020) ގެ ސެމީ ފައިނަލް މެޗްތައް ކުޅެން ފަށައިފިއެވެ. މިއީ ފުނަދޫ ކައުންސިލްގެ ފަރާތުން 2012 ވަނަ އަހަރުންފެށިގެން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
މިއަހަރު ވަނީ މުޅިންއަލަށް އަންހެން ޑިވިޒަން ތައާރަފްކޮށްފައެވެ. އަންހެން ފަސްޓީމު ބައިވެރިވިއިރު ކޮންމެ ޓީމެގައިވެސް ރަށުތެރޭން އަދި ރަށުން ބޭރުން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު މިފަހަރު ދީފައިވެއެވެ.
ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލުކުރަންޖެހޭ ގޮތަށް ކުޅުނު މި މުބާރާތުގެ އަންހެން ޑިވިޒަންގައި މިފަހަރު ބައިވެރިވި ޓީމްތަކަކީ މަގޭސާފު ފުނަދޫ (ފުނަދޫ ކައުންސިލް)، ފުނަފަތި (އަތޮޅު ކައުންސިލް އެސްއާރުސީ)، އެއާރ ޕޯޓް، ޕޮލިސް ލޭޑީޒް، އަތޮޅު ހޮސްޕިޓަލް އެވެ.
މިގޮތުން ސެމީއަށް ދަތުރުކޮށްފަވާ ޓީމްތަކަށް ބަލައިލާއިރު ޕޮލިސް ލޭޑީޒް ވަނީ 9 ޕޮއިންޓު ހޯދާފައެވެ. އެއީ ކުޅުނު 4 މެޗުން މޮޅުވެ 1 މެޗުން ބަލިވެފައި ވާތީއެވެ. ޕޮލިސް ލޭޑީޒް އާއި ފުނަފަތި (އެސްއާރުސީ) ކުޅުނު މެޗު 7-2 ކާމިޔާބު ކުރިއިރު އެއާޕޯޓާ ކުޅުނު މެޗުން 1-0 ކާމިޔާބު ކުރެވިފައި ވިނަމަވެސް ހޮސްޕިޓަލްއާއި ވާދަކޮށް 2-3 ން ޕޮލިސް ލޭޑީޒް ވަނީ ބަލިވެފައެވެ.
މީިގެ އިތުރުން އެއާޕޯޓް ވެސް ވަނީ 9 ޕޮއިންޓު ހޯދާފައެވެ. އެއީ އެޓީމް ކުޅުނު 4 މެޗުގެތެރެއިން 3 މެޗުން މޮޅުވެގެންނެވެ. މަގޭސާފު ފުނަދޫ އަދި ހޮސްޕިޓަލާއި ވާދަކޮށް 3-1ން އެއާޕޯޓް މޮޅުވިއިރު ފުނަފަތި (އެސްއާރުސީ) އާއިވާދަކޮށް 4-3 ންވަނީ މޮޅުވެފައެވެ. އެއާޕޯޓް ބަލިވީ ޕޮލިސް ލޭޑީޒް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
މިދެޓީމް ޕޮއިޓްގެ ގޮތުން އެއްވަރުވުމުން މުބާރާތުގެ ގަވާއިދު ބުނާގޮތުން އެދެޓީމް ބައްދަލުކުރި މެޗުން ޕޮލިސް ލޭޑީޒް 1:0 ން މޮޅުވެފައިވާތީ ޕޮލިސްލޭޑީޒް ތާވަލުގެ އެއްވަނަ ލިބުއިރު ދެވަނަ ލިބުނީ އެއާޕޯޓް އަށެވެ.
ފޮއިޓް ތާވަލުން 3 ވަނަ ލިބުނީ މަގޭސާފު ފުނަދޫ އަށެވެ. އެއީ 2 މެޗުން މޮޅުވެ 1 މެޗުން އެވަރުވެ 1 މެޗުން ބަލިވެފައި ވާތީއެވެ. މިގޮތުން މިޓީމް ވަނީ ހޮސްޕިޓަލް އަތުން 2-1ން މޮޅުވެވައެވެ. ފުނަފަތި (އެސްއާރުސީ) އަތުން 3-3 އެވަރު ވީއިރު ޕޮލިސް ލޭޑީޒް އަދުން ވަނީ 4-1ން އަދި އެއާޕޯޓް އަތުން 3:1 ން ބަލިވެފައެވެ.
ފުނަފަތި (އެސްއާރުސީ) އަށް ޕޮއިޓް ތާވަލުގެ 4 ވަނަލިބުނީ ކުޅުނު 4 މެޗުން ތެރެއިން 1 މެޗުން މޮޅުވެ، 1 މެޗުން އެވަރުވެ، 2 ނާކާމިޔާބީއާއި ކުރިމަތި ވެގެންނެވެ. އެއީ ހޮސްޕިޓަލާ ކުޅެގެން 5-3ން މޮޅުވެވުނުއިރު މަގޭސާފު ފުނަދޫއާ ކުޅެ 3-3ން އެއްވަރުވެ، ޕޮލިސް ލޭޑީޒް އަތުން 7-2ން ބަލިވިއިރު އެއާޕޯޓް އަތުންވެސް 4-3ން ބަލިވެގެންނެވެ.
ރޭ އަންހެން ކަބަލުންގެ ސެމީ ފައިނަލް ދެމެޗް ކުޅެފައިވެއެވެ. މިގޮތުން ޕޮއިންޓު ތާވަލުގެ 1 ވަނަ ހޯދި ޕޮލިސް ލޭޑީޒް އާއި 2 ވަނަ ހޯދި އެއާޕޯޓް ވާދަކުރި ފުރަތަމަ މެޗު 2-3 ކާމިޔާބު ކޮށްފައި ވަނީ އެއާޕޯޓްއެވެ. ރޭ ކުޅެވުނު 2 ވަނަ މެޗުގައި ފުނަފަތި (އެސްއާރުސީ) އާއި މަގޭސާފު ފުނަދޫ ވާދަކޮށް 0-5ން ކާމިޔާބު ކުރީ މަގޭސާފު ފުނަދޫއެވެ.
މުބާރާތް ރޭވިފައިވާގޮތުން 3 ސެމީ ކުޅޭނެއެވެ. އެއީ ފުރަތަމަ ސެމީއިން މޮޅުވާޓީމް ސީދާ ފައިނަލަށްގޮސް 2 ވަނަ ސެމީއިން މޮޅުވާ ޓީމް އަދި ފުރަތަމަ ސެމީއިންބަލިވާ ޓީމް ވާދަކުރާން ޖެހޭ ގޮތަށެވެ. އެހެން ކަމުން އެއާޕޯޓް މިވަނީ ފައިނަލަށް ދަތުރު ކޮށްފައެވެ. ފައިނަލުގައި ވާދަކުރާ ދެވަނަ ޓީމް ކަށަވަރު ވާނި ދެވަނަ ސެމީން މޮޅުވި މަގޭސާފު ފުނަދޫ އަދި ޕޮލިސް ލޭޑީޒް ވާދަކުރާ މެޗަށް ފަހުގައެވެ. މިމެޗް ކުޅުމަށް ތާވަލު ކުރެވިފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ފިރިހެން ސެމީގެ ތިންވަނަ މެޗަށް ފަހުއެވެ.
މިރޭ ފިރިހެން ޑިވިޒަންގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ މެޗުގައި ވާދަކުރަނީ ޕޮއިޓް ތާވަލުގެ 1 ވަނަ ޕޮލިސް ފެމިލީ އާއި ދެވަނަ އަތޮޅު ހޮސްޕިޓަލް އެވެ.
ޕޮލިސް ފެމިލީ އަށް ޓޭބަލްގެ އެއްވަނަ ލިބިފައިވަނީ އަތޮޅު ހޮސްޕިޓަލާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ މުބާރާތުގެ ގަވާއިދު ބުނާގޮތުން އެދެޓީމް ބައްދަލުކުރި މެޗުވެސް އެއްވަރުވެފައިވުމުން ގުރުއަތުލައިގެންނެވެ.
ޕޮލިސް ފެމެލީ ސެމީއަށް ދަތުރު ކުރީ ކުޅުނު 5 މެޗުގެތެރެއިން 4 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ، ޖުމްލަ 13 ޕޮއިންޓާއިއެކުގައެވެ. މިި ގޮތުން ޕޮލިސް ޔުނައިޓެޑް އާކުޅެ 12:2 ން މޮޅުވިއިރު، ހޮސްޕިޓަލް އާއި 2:2 ން އެއްވަރުވެ، ފެނަކަ އާކުޅެ 2:3 ން މޮޅުވެގެންނެވެ. މީގެ އިތުރު ދުވެލި (އެސްއާރުސީ) އާއިކުޅެ 11:03 ން މޮޅުވެފައިވާއިރު ސީޕީއެޗް އާއިކުޅެ 7:3 ން މޮޅުވެގެންނެވެ.
އަތޮޅު ހޮސްޕިޓަލް ސެމީއަށް ދަތުރުކުރީ ކުޅުނު 5 މެޗުގެތެރެއިން 4 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ، ޖުމްލަ 13 ޕޮއިންޓާއިއެކުގައެވެ. އެގޮތުން ދުވެލި (އެސްއާރުސީ) އާކުޅެ 11:02 ން މޮޅުވިއިރު ޕޮލިސް ފެމިލި އާއި 2:2 ން އެއްވަރުވެފައިވެއެވެ. މީގެ އިތުރުން ޕޮލިސް ޔުނައިޓެޑް އާކުޅެ 08:03 ން މޮޅުވިއިރު ފެނަކައާ ކުޅެ 2:3 ން މޮޅުވެފައިވެއެވެ. އަދި ސީޕީއެޗް ވާދަކޮށް 7:2 ވަނީ މޮޅުވެފައެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ 2 ވަނަ ސެމީގައި ވާދަކުރާނީ ސީޕީއެޗް އާއި ޕޮލިސް ޔުނައިޓެޑް އެވެ.
ސީޕީއެޗް ސެމީއަށް ދަތުރުކުރީ ކުޅުނު 5 މެޗުގެތެރެއިން 2 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ، 2 މެޗުން ބަލިވެ، ޖުމްލަ 7 ޕޮއިންޓާއިއެކުގައެވެ. މިގޮތުން ފެނަކައާއި ވާދަކުރި މެޗް 3:3 ން އެއްވަރުވީއިރު، ދުވެލި (އެސްއާރުސީ) އާކުޅެ 6:3 ން މޮޅުވެފައިވެއެވެ. ޕޮލިސް ޔުނައިޓެޑް އާކުޅެ 6:3 ން މޮޅުވިއިރު ޕޮލިސް ފެމިލީ އާކުޅެ 7:3 ން ވަނީ ބަލިވެފައެވެ. މީގެ އިތުރުން ހޮސްޕިޓަލް އާކުޅެ 7:2 ގެނަތިޖާއިން ވަނީ ބަލިވެފައެވެ.
ޕޮލިސް ޔުނައިޓެޑް ސެމީއަށް ދަތުރު ކުރީ ކުޅުނު 5 މެޗުގެތެރެއިން 1 މެޗުން މޮޅުވެ 1 މެޗުން އެއްވަރުކޮށް 3 މެޗުން ބަލިވެ ޖުމްލަ 4 ޕޮއިންޓާއިއެކުގައެވެ. ޕޮލިސް ފެމިލީއާކުޅެ 12:02 ން ބަލިވިއިރު، ދުވެލި (އެސްއާރުސީ) އާއި 3:3 ން އެއްވަރުވެފައިވެއެވެ. ހޮސްޕިޓަލް އާކުޅެ 8:3 ން ބަލިވިއިރު ފެނަކައާއި ކުޅެ 2:0 ން މޮޅުވެފައިވެއެވެ. ސީޕީއެޗް އާކުޅެ 6:3ން ޕޮލިސް ޔުނައިޓެޑް ވަނީ ބަލިވެފައެވެ.
ޕޮލިސް ޔުނައިޓެޑް ސެމީއަށް ދަތުރުކޮށްފައިވަނީ ފެނަކައާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ، (ފެނަކަ ފައިދާގޯލް، ޖެހިގޯލް އަދި ބައިކޮޅަށްވަތް ގޯލުގެ ގޮތުން ޕޮލިސް ޔުނައިޓެޑަށްވުރެ ތާވަލުގެ ކުރީގައި އޮތްނަމަވެސް) މުބާރާތުގެ ގަވާއިދު ބުނާގޮތުން އެދެޓީމް ބައްދަލުކުރި މެޗުގެ ނަތީޖާއަށްބެލުމުން އެމެޗުން ޕޮލިސް ފެމިލީ 2:0 ން މޮޅުވެފައި އޮތުމުންނެވެ.
ފުރަތަމަ ސެމީން މޮޅުވާ ޓީމް ފައިނަލުގެ ފުތަމަ ޖާގަ ކަށަވަރު ކުރާއިރު ދެވަނަ ސެމީއިން މޮޅުވާ ޓީމް ޖެހޭނީ ފުރަތަމަ ސެމީ ބަލިވި ޓީމާއި ވާދަކުރާށެވެ. އެ މެޗުން މޮޅުވާޓީމަށް ފައިނަލުގެ ދެވަނަޖާގަ ކަށަވަރު ވާނެއެވެ.
މިއީ މި މުބާރާތް ބާއްވާ 8 ވަނަ ފަހަރެވެ. ފިރިހެން ޑިވިޒަން
ބައިވެރިވީ ޓީމް ތަކަކީ ޕޮލިސް ފެމިލީ، ޕޮލިސް ޔުނައިޓެޑް، އަތޮޅު ހޮސްޕިޓަލް، ފެނަކަ، ދުވެލި (އަތޮޅު ކައުންސިލް އެސްއާރުސީ) އަދި ސީޕީއެޗް (ކޮމިއުނިޓީ ޕަވާ ހައުސް) އެވެ.
ފޮޓޯ: ފުނަދޫ ސްޕޯރޓްސް އަދި އިންޓައޮފީސް ފުޓްސަލް ޓޯނަމެންޓް