ކެންސަރު ބަލިތަކަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި މިއަދު ވޯޑެއް ހުޅުވައިފި އެވެ.
ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ކުންފުނިން ހިންގާ މުޖުތަމައުއަށް ފައިދާހުރި މަސައްކަތުގެ ދަށުން ގާއިމްކުރި ވޯޑު ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ވޯޑުގައި އަށް އެނދާއި ބަލި މީހުންނަށް ހާއްސަ ދެ ފާހަނާ އާއި ނަރުހުންގެ ސްޓޭޝަނާއި ވެއިޓިން އޭރިއަކާއި ސްޓާފް އޭރިއާއެއްގެ އިތުރުން މެޑިކަލް ސްޓޯ ރޫމަކާއި އިދާރީ އޮފީީހެއް ހުންނާނެ އެވެ. އެ ތަނަށް ބީއެމްއެލް އިން ވަނީ 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، އައިޖީއެމްއެޗްގައި އިތުރު ހިދުމަތްތައް ތައާރަފްކޮށް މިހާރު ލިބޭ ހިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަލަށް ހުޅުވި އޮންކޮލޮޖީ ވޯޑުގެ ހިދުމަތްތަކަކީ ވަރަށް މުހިއްމު ހިދުމަތްތަކެއްކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ސިއްހީ ހިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކްލީފް ކުޑަކުރުމަށް ސަރުކާރުން ރަށްރަށުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް ވެސް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކޮށް، އެ ތަންތަނުގައި ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކު ވެސް އާ ހިދުމަތްތައް ފެށިގެންދާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އެ ތަނަކީ އައިޖީއެމްއެޗްގެ އިތުރުން ސިއްހީ ދާއިރާއަށް ވެސް ބޭނުންތެރި މުހިއްމު ޕްރޮޖެކްޓެއް ކަމަށެވެ.
“އަޅުގަނޑުމެންގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު ޕްރޮޖެކްޓްތައް ވާނީ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަށް އަމާޒުކޮށްފައި. މިގޮތުން މިއަދު ހުޅުވިގެން ދާ އޮންކޮލޮޖީ ވޯޑަކީ އައިޖީއެމްއެޗްގެ އިތުރުން ސިއްހީ ދާއިރާއަށްވެސް ވަރަށް ބޭނުންތެރި މުހިންމު ޕްރޮޖެކްޓެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ވޯޑު މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެންދިޔުން.” ސީއީއޯ ވިދާޅުވި އެވެ.