އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ 15 އިންސައްތަ އިތުރުވެއްޖެ

ޚަބަރު ފަހުގެ

މި އަހަރުގެ ޖުލައި މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 15 އިންސައްތަ އިތުރު ވެއްޖެއެވެ.

ކަސްޓަމްސް އިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ވަނީ 361 މިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ލިބިފައިވަނީ 315 މިލިއަން ރުފިޔާއެވެ.

އިޝްތިހާރު
އިޝްތިހާރު

ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފްއަގު 2022 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ވަނީ 12 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި އަދަދުވަނީ 4.7 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ، އޮމާން، ޗައިނާ، ޔޫ.އޭ.އީ އަދި މެލޭޝިއާ އިންނެވެ. އިންޑިއާ އިން 724 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން 667 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޗައިނާ އިން 610 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޔޫ.އޭ.އީ އިން 521 މިލިއަން ރުފިޔާގެ މުދާ އަދި މެލޭޝިއާ އިން 406 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު މިދިޔަ މަހު އިތުރުވެފައިވާއިރު އެކްސްޕޯޓު ކުރި މުދަލުގެ އަގު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ޖުލައި މަހު 81 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވާއިރު މިއަހަރުގެ ޖުލައި މަހު 138 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ. މިއީ 70 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑާއި އިނގިރޭސިވިލާތާއި ޖަރުމަނާއި އިންޑިއާ އަދި ފްރާންސަށެވެ.

ކަސްޓަމްސް އިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 10،468،904.44 (ދިހަ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް އަށް ހާސް ނުވަސަތޭކަ ހަތަރު ރުފިޔާ ސާޅީސް ހަތަރު ލާރި) ވަނީ ލިބިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ