ހުވަދު އަތޮޅުގައި ރަސްމީކޮށް އާރުޓީއެލްގެ ޚިދުމަތް ފަށައިފި

ޚަބަރު ފަހުގެ

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫއުގެ ދަށުން ދެމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތް ޒޯން 5ގައި ހިމެނޭ ގއ އަދި ގދ އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މިކަމަށްޓަކައި ގދ. ތިނަދޫގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަތެވެ.

ޒޯން 5ގެ ގއ އަދި ގދ އަތޮޅުގެ އާރުޓީއެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، އާރުޓީއެލް ބްރޭންޑްގެ 6 ސްޕީޑް ފެރީ މެދުވެރިކޮށް 9 ރޫޓަކުން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އާރުޓީއެލް ފެރީ ޚިދުމަތުގެ ޝެޑިއުލް ވެބްސައިޓު އަދި ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅު އަދި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދު އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ވަނީ ފަށާފައިވެއެވެ.

މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ، ހދ، އަދި ށ އަތޮޅުގައި، ދެވަނަ ފިޔަވަހީގެ ދަށުން ހުވަދު އަތޮޅުގައި ޚިދުމަތް ފަށާފައިވާއިރު އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައިވެސް ވަނީ ޚިދުމަތް ފަށާފައެވެ. އަދި ނ، ރ، ބގައި ޚިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ ގުޅާލުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 187 ރަށް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އާރުޓީއެލްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ޚާއްސަ އިސްނެންގެވުމެއްގެ ދަށުން ރާއްޖޭގައި ހިންގަމުންދާ ވަރަށް މުހިންމު މަޝްރޫއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ