މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކޮށްފި

ޚަބަރު ފަހުގެ ޞިއްހަތު

މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކޮށްފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއެވެ.

އިޝްތިހާރު
އިޝްތިހާރު

މޯލްޑިވްސް ހެލްތު ލައިނަކީ ސިއްހީ ދާއިރާގެ އިންތިޒާމްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފްކުރި ހެލްތު ލައިނެކެވެ. 2018 ވަނަ އަހަރު ރާއްޖެގެ ސިއްހީ ނިޒާމް ލާމަރުކަޒުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބޭސްފަރުވާގެ ނިޒާމެއް ގާއިމްކުރުމަށް ކުރި މަސައްކަތް ކާމިޔާބު ކަމަށެވެ. އަދި މި ދާއިރާއިން އާއްމުން ކުރާ ޚަރަދުތައް ކުޑަކޮށް، ސިއްހީ ދާއިރާއިން ރަށްތައް ގުޅާލުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޭސް ފޯރުކޮށްދިނުމާއި ބަލި މީހުން އުފުލުމުގެ މަަސައްކަތްވެސް ހަރުދަނާކޮށްފައި ވާކަމަށް ނަސީމް ވިދާޅުވިއެވެ.

ހޯމަ ދުވަހު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހުމަދު އާދިލް ވިދާޅުވީ، ރައީސް ވެވަޑައިގެންނެވި ވައުދުފުޅުގެ ބޮޑުބައި ފުދިފައި ވާކަމަށެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދުތަކުގައި ޓާރޝަރީ ހޮސްޕިޓަލްތައް ގާއިމްކޮށްފައިވާ ކަމަށާއި، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް މި ސަރުކާރުން ގެނެސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަންކަމުގެ ފަސޭހަ އާއްމުންނަށް ލިބޭ ކަމަށް އާދިލް ވިދާޅުވިއެވެ.

މޯލްޑިވްސް ހެލްތު ލައިންގެ ސަބަބުން ޚިދުމަތްތައް ގިންތިކޮށް، އާއްމުންނާއި ގާތުން ޚިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 20 އަތޮޅުގައި 183 ރަށެއްގައި މޯލްޑިވްސް ހެލްތު ލައިންގެ ދަށުން ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ދަތުރުތަކަށް ޚާއްސަކޮށްގެން 20 ހައިސްޕީޑް ލޯންޗު ރާއްޖޭގެ 20 އަތޮޅުތަކަށް ފޮނުވަން ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ހަތް އަތޮޅަކަށް ސްޕީޑް ލޯންޗު ހަވާލުކޮށްފައިވެއެވެ. ބާކީ 13 އަތޮޅަށް ފޮނުވަން ހަމަޖެހިފައިވާ ލޯންޗުތައް އަންނަ ނޮވެމްބަރު މަސް ނިމެންވާއިރަށް ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ