ފުނަދޫ ކައުންސިލްގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޒަންތަށި ހޮސްޕިޓަލް އުފުލާލައިފިއެވެ.
މިއީ މިމުބާރާތް ބާއްވާ 8 ވަނަ އަހަރެވެ. އަދި ހޮސްޕިޓަލް މިމުބާރާތް ކާމިޔާބުކުރި ދެވަނަފަހަރެވެ.
މުޅި ޖުމުލަ 6 ޓީމް ބައިވެރި މި މުބާރާތުގެ ތަށި ހޮސްޕިޓަލް އުފުލާލީ މިރޭ ފުނަދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗުގައި 1-4 ން ޕޮލިސް ފެމިލީގެ މައްޗަށް ކުރިހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ހޮސްޕިޓަލް ޓީމުގެ އަހްމަދު އިރުފާނެވެ.
ފައިނަލް މެޗަށްފަހު ވަނަވަނައަށްދިޔަ ޓީމުތަކަށް ވަނީ ވާދައިގެ ތައްޓާއި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ. އިނާމްތައް ބައްސަވާދެއްވާފައިވަނީ ފުނަދޫ ސްކޫލްގެ ދިވެހި މުދައްރިސް އަލްފާޟިލް އާދަމް ޝަރީފާއި ބޭންކް އޮފް މޯލްޑިވްސްގެ ނޯރތު ކްލަސްޓަރ މެނޭޖަރ އަލްފާޟިލް ޙަސަން އަޤްލީމެވެ.
މުބާރާތުގައި ހޮވާފައިވާ ވަނަތައް:
• އެންމެ މޮޅު ކޯޗް: ޕޮލިސް ފެމިލީގެ ކޯޗް މުޙައްމަދު ވާޙިދު
• އެންމެ މޮޅު ކީޕަރ: ހޮސްޕިޓަލް ޓީމްގެ ކީޕަރ އިބްރާހީމް ނަޖީލް
• ޓޮޕް ސްކޯރަރ: ޕޮލިސް ފެމިލީގެ އިބްރާހީމް ވަހީދުއްދީން
• އުންމީދީކުޅުންތެރިޔާ: ދުވެލި (އެސްއާރުސީ) ގެ އަހްމަދު ޖިނާހް
• ގޯލްޑެން ސްޓާރ ޕްލޭޔަރ: ހޮސްޕިޓަލް ޓީމްގެ އަހްމަދު ޒާހިދު
• މުޅި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ: ހޮސްޕިޓަލްގެ އަބްދުލް މާޖިދު
• ޗެމްޕިއަން ޓީމް: އަތޮޅު ހޮސްޕިޓަލް
• ރަނަރއަޕް ޓީމް: ޕޮލިސް ފެމިލީ
• ފެއަރޕްލޭ ޓީމް: ސީޕީއެޗް (ކޮމިއުނިޓީ ޕަވާރ ހައުސް / ށ. ފުނަދޫ ކައުންސިލް)
ފޮޓޯ: ފުނަދޫ ސްޕޯރޓްސް އަދި އިންޓައޮފީސް ފުޓްސަލް ޓޯނަމެންޓް