މާލޭގެ ރަށްޔިތުންނަށް ޚާއްޞަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރި ބިންތަކުގައި 10 ބުރިއަށް ޢިމާރާތްކުރެވޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީން ވަނީ “ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތް ކުުރުމުގެ އުސޫލު” މިއަދު ޢާންމުކޮށްފައެވެ. މިއުސޫލުގައިވާ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރިގޯތިތަކުގައި ޢިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރެވެ. އަދި ޢިމާރާތެއްގައި އެންމެ ގިނަވެގެން ބެހެއްޓޭނީ 6 ފަންގިފިލާ އެވެ. މިހާރު ޢާންމުކުރި އުސޫލުގެ ދަށުން 6 ފަންގިފިލާއަށް ޢިމާރާތްކުރެވުނުނަމަވެސް، އެ އުސްމިނަށް ބަދަލު އަންނާނެކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން ޢިމާރާތްކުރުމުގެ އެންމެ އުސްމިން 10 ފަންގިފިލާއަށް ބަދަލުކުރުމަށް ނިންމާ ޤަވާއިދު އެކުލަވާލާފައިވާކަމަށާއި، އެ ޤަވާއިދަށް ވަރަށް އަވަހަށް ޢަމަލުކުރަން ފަށާނެކަމަށް އެޗްޑީސީން ބުންޏެވެ. އެ ޤަވާއިދަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާިއުކުރުމަށްފަހުކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ނަމަވެސް 6 ފަންގިފިލާއަށް ޢަމަލުކުރެވޭގޮތަށް އުސޫލެއް ޢާންމުކުރީ މިވަގުތު އެތަނުގައި ޢިމާރަތްކުރުމުގެ އުސޫލެއް ނެތުމުގެ ސަބަބުން ޢިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންކަމަށް އެޗްޑީސީން ބުންޏެވެ.
“ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލު”ގައި ބުނެފައިވަނީ އެ ބިންތަކުގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރަންވާނީ އިމާރާތުގެ ކުރެހުންތައް ފާސްކޮށް، އިމާރާތްކުރުމާ ގުޅޭ އެންމެހާ ހުއްދަތައް އެޗްޑީސީން ނެގުމަށްފަހުކަމަށެވެ.
އަދި އިމާރާތުގެ އުސްމިން 5 ފަންގިފިލާއަށްވުރެ މައޗަށް ނަގާނަމަ، އިމާރާތުގައި ލިފްޓް ބަހައްޓަން ޖެހެއެވެ. މަގުމަތީ އިންފާރު ރޭނޭނީ އެންމެ އުސްވެގެން 1.2 މީޓަރަށް ކަމަށް މި އުސޫލުގައި ކަނޑައަޅާފައިވެއެވެ. މަގުމަތީ އިންފާރު ރާނާނަމަ ރާނަންވާނީ ކުރިމަތީ ސެޓްބެކް އަދި ކަންމަތީ ގޯތިތަކުގެ އަރިމަތީ ސެޓްބެކްގެ ގޮތުގައި ދޫކުރެވިފައިވާ އިމުގެތެރޭގައިކަމަށް އެޗްޑީސީން ހާމަކުރެއެވެ. އަދި ކޮންމެ އިމާރާތެއްގައިވެސް ކުނި ބެހެއްޓުމަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅިފައި ހުންނަން ޖެހޭނެކަމަށްވެސް މި އުސޫލު ބަޔާންކުރެއެވެ.