ވެރިކަމުގެ ދައުރު ނިމުމުން ރާއްޖެ ދޫކުރައްވައި އެހެން ގައުމަކަށް ދިރިއުޅުން ބަދަލުނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ރާއްޖެ ދޫކޮށް ވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެހެންކަމުން ހަޔާތުގެ ބާކީ ދުވަސްތަކުގައިވެސް ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ ދޫކުރައްވާ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާވަރުގެ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ކޮންމެ ކަމެއްވެސް ކުރައްވާފައި އޮންނާނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ މަސައްކަތްތަކުން ރިޓަޔާކުރެއްވުމަށް އަދި ނިންމަވާފައި ނުވާ ކަމަށެވެ. އޭގެބަދަލުގައި މިވަގުތު ބޮޑަށް އިސްކަން ދެއްވަނީ އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ކަމުގައިވެސް ވިދާޅުވި އެެވެ.
“އަޅުގަނޑަށް ކޮންޓްރިބިއުޓް ކޮށްދެވޭނެ ވަރަށް ގިނަ ދާއިރާތައް އެބަހުރި. އަޅުގަނޑު ދެކޭ ގޮތުގައި ނޫސްވެރިކަމުގެ ތެރޭގައިވެސް އުޅެފައި ހުރި މީހެއް އަޅުގަނޑަކީ. މިއިން ބޭފުޅަކު އަޅުގަނޑަށް ކޮލަމެއް ދެއްވައިފިއްޔާ އަޅުގަނޑު ދޭތެރެއަކުން ލިޔެލާނަން ކޮންމެވެސް އެއްޗެއް. އެކަންވެސް އަޅުގަނޑަށް ކުރެވޭނެ. އަޅުގަނޑަކީ އަނެއްހެން ފޮޓޯވެސް ނަގާ މީހެއް. ކެމަރާ ހިފައިގެން މަގުމަތީގައިވެސް އަޅުގަނޑަށް އުޅެލެވޭނެ އިނގޭތޯ. މިކަހަލަ ކިތަންމެ ކަމެއް، ވޮލެންޓިއާ އެކަހަލަ ކިތަންމެ ކަމެއް، މާބުރާ މަސައްކަތެއް ނޫން އަޅުގަނޑު ކުރަން ނިންމާފައި އޮތީކީ،” ރައީސް ވިދާޅުވި އެވެ.