ހަނިމާދޫ ކައުންސިލްގެ ފަރާތުން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ދެ ޖިންސަށް ހުޅުވައިލައިގެން ހަނިމާދޫގައި ބޭއްވި މަސްރޭހުގެ ފަޚުރުވެރި އެއްވަނަ މުގުރު ހޯދައިފިއެވެ. މުގުރު އަންހެން ޓީމް މިފަޚުރުވެރި އެއްވަނަ ހޯދީ 47 ކިލޯ މަސް ބާނައިގެންނެވެ. އަދި ފިރިހެން ޓީމް މިފަޚުރުވެރި ވަނަ ހޯދީ 145 ކިލޯ މަސް ބާނައިގެންނެވެ.
މިއީ މިފަދަ ގޮތަކަށް މަސްވެރިންގެ ދުވަސް ހަނިމާދޫ ކައުންސިލުން ފާހަގަކުރި ފުރަތަމަ ފަހަރެވެ. މިފަހަރުގެ މަސްރޭސް ކުރިޔަށް ގެންދިއުމުގައި ކައުންސިލަށް އެހީތެރި ވެދިނީ ކެތިއަރާގެ ފަރާތުންނެވެ. އެކަމަށްޓަކައި ކައުންސިލުން ވަނީ ކެތިއަރާ އަށް އިޚްލާސްތެރި ޝުކުރު އަދާކޮށްފައެވެ.
ދެ ޖިންސަށް ބަހާލައިގެން މަސްރޭސް ކުރިޔަށް ގެންދިޔައިރު 10 ޑިސެންބަރު ވީ ބުރާސްފަތި ދުވަހު މަހަށް ފުރީ އަންހެން ކަނބަލުންނެވެ. ޖުމުލަ 9 ޓީމް ބައިވެރިވި މަސްރޭސް ފެށީ އެދުވަހުގެ 16:00 ގައެވެ. މަސްބައިގެން ޓީމްތައް ލެފީ އެރޭ 9:30 ގައެވެ. ޖުމުލަ 72 ބައިވެރިން ބައިވެރިވިއެވެ.
ހަނިމާދޫ ކައުންސިލް މަސްރޭސް 2020ގެ ކަނބަލުންގެ ބުރުގައި ވާދަކުރި ޓީމްތަކަކީ ގުރާ، ފިޔަލަ، ގިނިމަސް، މުގުރު، ޓީމް ސިރާނީ، ރެދަން، އެންވަށި، އެޗްއެޗްސީ އަދި މާރެހި އެވެ.
މަސްރޭހުގެ ކަނބަލުންގެ ބުރުގެ ނަތީޖާ
- ފަޚުރުވެރި އެއް ވަނަ : މުގުރު 47 ކިލޯ
- ފަޚުރުވެރި ދެ ވަނަ : ގިނި މަސް 37.5 ކިލޯ
- ފަޚުރުވެރި ތިން ވަނަ : އެޗް.އެޗް.ސީ 36 ކިލޯ
- އެންމެ ގިނަމަސް ބޭނި ފަރާތް :އެޗް.އެޗް.ސީ ޒީނިޔާ މުހައްމަދު (8މަސް)
- އެންމެ ބަރު މަސް ބޭނި ފަރާތް : ސަމޫނާ ހަސަން (7.5 ކިލޯ)
އެއް ވަނަ ޓީމަށް ޓްރޮފީ އަދި ފައިސާގެ އިނާމު ހަވާލު ކޮށްދިނީ ރޯޝަނީ ގެ ކެޔޮޅު އަހުމަދު ޝާކިރެވެ. ދެވަނަ ޓީމަށް ޓްރޮފީ އަދި ފައިސާގެ އިނާމު ހަވާލު ކޮށްދިނީ ރޯޝަނީ2 ގެ ކެޔޮޅު މުޙައްމަދު އިބުރާހިމްއެވެ. ތިން ވަނަ ޓީމަށް ޓުރޮފީ އަދި ފައިސާގެ އިނާމު ހަވާލު ކޮށްދިނީ ދުވެލި ދޯނި ކެޔޮޅު ހުސެން އާމިރެވެ. އެންމެ ގިނަމަސް އަދި ބަރު މަސް ބޭނި ފަރާތަށް ޓުރޮފީ ހަވާލު ކޮށްދިނީ ޕޮލިސް އިންސްޕެކްޓަރ އަބޫބަކުރު މުޙައްމަދު އެވެ.
ފިރިހެން ވެރިން މަހަށް ފުރާފައި ވަނީ 11 ޑިސެންބަރ ވީ ހުކުރު ދުވަހުގެ 16:00 ގައެވެ. މަސްބައިގެން ޓީމްތަށް ލެފީ އެރޭ 9:30 ގައެވެ. ޖުމުލަ 120 ބައިވެރިން ބައިވެރި ވިއެވެ.
ހަނިމާދޫ ކައުންސިލް މަސްރޭސް 2020ގެ ފިރިހެން ބުރުގައި ވާދަކުރި ޓީމް ތަކަކީ ޓޮނާ، ހިބަރު، ފާވަތި، ބަރު ކޮލީ، ބެއަރފޫޓް، މާކުން، މުގުރު، ދިރުން ފިޝިންގް ޓީމް، ކައްޓެލި، ކުރުކުއްލި، ޓައިގަރ، އޮޅުވާލި، ދަމާލި، ހިތްވަރު އަދި ކޮޅު ދާލި އެވެ.
މަސްރޭހުގެ ފިރިހެން ބުރުގެ ވަނަތަށް
- ފަޚުރުވެރި އެށް ވަނަ : މުގުރު 145 ކިލޯ
- ފަޚުރުވެރި ދެ ވަނަ : ހިބަރު 98 ކިލޯ
- ފަޚުރުވެރި ތިން ވަނަ : މާކުނު 90.5 ކިލޯ
- އެންމެ ގިނަމަސް ބޭނި ފަރާތް : ޓީމް ހިބަރު މުހައްމަދު ހަސަން (18މަސް)
- އެންމެ ބަރު މަސް ބޭނި ފަރާތް : ކައްޓެލި އަހުމަދު ސަލީމް
އެއް ވަނަ ޓީމަށް ޓުރޮފީ އަދި ފައިސާގެ އިނާމު ހަވާލު ކޮށްދިނީ ދެކުލަ ދޯނި ކެޔޮޅު އީސާ އަލީ އެވެ. ދެވަނަ ޓީމަށް ޓްރޮފީ އަދި ފައިސާގެ އިނާމު ހަވާލު ކޮށްދިނީ ރޯޝަނީ2 ދޯނި ކެޔޮޅު މުހައްމަދު އިބުރާހިމްއެވެ. ތިން ވަނަ ޓީމް އަށް ޓުރޮފީ އަދި ފައިސާގެ އިނާމު ހަވާލު ކޮށްދިނީ ދުވެލި ދޯނި ކެޔޮޅު ހުސެން އާމިރުއެވެ. އެންމެ ގިނަމަސް އަދި ބަރު މަސް ބޭނި ފަރާތަށް ޓުރޮފީ ހަވާލު ކޮށްދިނީ ޕޮލިސް އިންސްޕެކްޓަރ އަބޫބަކުރު މުހައްމަދު އެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ހަނިމާދޫން ފުރާ 4 ދޯނީގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ ދޯންޏަކަށް ހަދާނީ ފިލައެއް ހަވާލުކޮށްފައެވެ. ހަދާނީފިލާ ހަވާލު ކޮށްދެއްވީ ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖު އަހުމަދު ޝަކީލް އެވެ. ހަނދާނީފިލާ ހަވާލުކުރެވުނު ދޯނި ތަކަކީ ދެކުލަ، ރޯޝަނީ، ރީސަނީ2 އަދި ދުވެލިއެވެ. ދޯނިތަކުގެ ފަރާތުން ހަނަދާނީފިލަޔާ ހަވާލުވީ އެދޯނިތަކުގެ ކެޔޮޅުންނެވެ.
މިރަސްމިއްޔާތުގައި ވަނީ ކަޅުބިލަމަހުގެ މަސްވެރިކަމުގެ މި އަހަރުގެ ހީވާގި ކެޔޮޅުވެސް ހޮވާފައެވެ. އެމަގާމު ހޮވީ މަސްރޭހުގައި ބައިވެރިވި ޓީމްތަކުން ވޯޓް ލައިގެންނެވެ. ހިވާގި ކެޔޮޅަކަށް ހޮވިފައި ވަނީ ދެކުލަ ދޯނީގެ ކެޔޮޅު އީސާ އަލީއެވެ. މި މަގާމަށް ހޮވުނު ފަރާތަށް އިނާމް ހަވާލު ކޮށްދެއްވީ ހަނިމާދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ޒުބޭދާ އިބުރާހިމްއެވެ.
މިއަންނަ އަހަރުވެސް މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ހަނިމާދޫ ކައުންސިލްގެ ފަރާތުން ވާހަކަ ދައްކަވަމުން ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އިބްރާހީމް ޢަލީ ވިދާޅުވިއެވެ.