ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ. މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ބޭންކަށް 15، 20، 25، 30، 35 އަދި 40 އަހަރު ޚިދުމަތްކޮށްފައިވާ 64 މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ.
އެގޮތުން މިހަފްލާގައި ބޭންކަށް 40 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާތީ ހެޑް އޮފް އިންޓަރނަލް އޮޑިޓް ފާތިމަތު ރަޝީދާއަށް ވަނީ ޚާއްޞަ އެވޯޑެއް ދީފައެވެ.
މީގެ އިތުރުން 35 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާތީ ހެޑް އޮފް ބްރާންޗަސް އެންޑް ސަރވިސް ސެންޓަރސް ހުސައިން ރަޝީދު، އޮޑިޓް މެނޭޖަރ އައިމިނަތު ހަސަން އަދި ޑެޕިއުޓީ ސީނިއަރ އޮފިސަރ އައިމިނަތު ނަސީރުގެ ޚިދުމަތްވެސް މި ހަފްލާގައި ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައެވެ.
މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވަނީ އެ ބޭންކުންގެ ކާމިޔާބީގައި މުވައްޒަފުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާފައެވެ.
“އަޅުގަނޑުމެންގެ މުވައްޒަފުންނަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ މުހިންމު ބައެއް. އެހެންކަމުން ފާއިތުވި އަހަރުތަކުގައި ހިވާގިކަމާއެކު ތިޔަކޮށްދެއްވި ބުރަ މަސައްކަތަށް ތިޔަ ކޮންމެ މުވައްޒަފަކަށްވެސް އަޅުގަނޑު ވަކިވަކިން ޝުކުރުއަދާކުރަން. މިރޭ އެކަން ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް” ކާރލް ސްޓުމްކަ ވިދާޅުވިއެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގެ ސްޓްރެޓަޖީގައި އިސްކަންދޭ ކަންކަމާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ އެޗްއާރު ޕޮލިސީތަކަކީ ވަޒީފާ ދިނުމާއި ތަމްރީން ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުން އެންމެ މަތީ ފެންވަރުގައި ހިންގުމަށް ބާރުއަޅާ ސިޔާސަތުތަކެކެވެ.
ބީއެމްއެލްގެ ލޯންގް ސަރވިސް އެވޯޑަކީ ބޭންކުގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭންކުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މިއަހަރުގެ އޯގަސްޓްމަހު ބޭންކުންވަނީ ވަޒީފާއަދާކުރުމުގައި އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން ކޮންމެ އަހަރަކު ކުރިޔަށްގެންދާ ސްޓާފް އެވޯޑް ބާއްވާފައެވެ.