ދަޢުލަތަށް ގިނަގުނަ ޚިދުމަތްކޮށް ދެއްވާފައިވާ ޙަސަން ޝާކިރު

ހަނިމާދޫ މީހުން ފަހުގެ

އިންސާނީ ވުޖޫދުގައި، ފޮހެވިގެން ނުދާނެ ނިޝާނެއް ދޫކޮށްލާ ޝަޚުސިއްޔަތުން އެބަތިއްބެވެ. މިފަދަ ބޭފުޅުން ތާރީޚުގެ ތެރެއިން ކުރި ދަތުރަކީ ފާހަގަކޮށްލެވޭ، އިބުރަތުން ފުރިގެންވާ ދަތުރުތަކެކެވެ. އެބޭފުޅުންނަކީ، ހިތްވަރުގަދަކަމާއި، ކެތްތެރިކަމުގެ ނަމޫނާ ބޭފުޅުންނެވެ.

މިގޮތުން ހދ. ހަނިމާދޫ ނޫރަލީގޭ ޙަސަން ޝާކިރަކީ ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ. އޭނާ ވަނީ ދިވެހި ދަޢުލަތަށް އެކި ރޮނގުރޮނގުން އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ޚާއްޞަކޮށް ނޫސްވެރިކަމުގެ ދާއިރާއިން ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޝާކިރު ފާހަގަކުރެވިފައިވަނީ، ހިތްވަރާއި މެދުނުކެނޑި ގަދަ އަޅައި ކުރި ބުރަ މަސައްކަތުން އަމިއްލައަށް ނަފުސު ބިނާ ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ބޭފުޅާގެ މަސައްކަތަށާއި، ޚިދުމަތުގެ ދިގު ތާރީޚަށް ބަލާލުމުން ފެންނަނީ ވަރުބަލިކަމެއްނެތި، ބޭނުންވާ އަމާޒަށް ވާސިލުވުމަށް ކުރެއްވި ހިތްވަރު ގަދަ މަސައްކަތްތަކެވެ.

ޙަސަން ޝާކިރު ވަނީ 1988 ވަނަ އަހަރު ބޭސިކް ޖާނަލިޒަމް ކޯސް ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން 2014 ވަނަ އަހަރު އެމްބީސީން ކުރިޔަށްގެންދިޔަ ބޭސިކް މެނޭޖްމެންޓް ޓްރެއިނިންގ ޕްރޮގްރާމް ވަނީ ފުރިހަމަކުރައްވާފައެވެ. ހަމައެއާއެކު، 2019 ގައި ސެޓިފިކެޓް 3 އިން ބްރޯޑްކާސްޓް މެނޭޖްމެންޓް ވަނީ ފުރިހަމަ ކުރައްވާފައެވެ. މި ދާއިރާގެ އިތުރުން ޝާކިރު ވަނީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 1997 ވަނަ އަހަރު ބޭސިކް ޔުނިޓް ލީޑަރސް ޓްރެއިނިންގވެސް ފުރިހަމަކުރައްވާފައެވެ.

1979 ވަނަ އަހަރުން ފެށިގެން ޝާކިރު ވަނީ ދަޢުލަތުގެ އެކި ވުޒާރާތަކާއި މިނިސްޓްރީތަކުގައި މަސައްކަތްކުރައްވާފައެވެ. އެގޮތުން 1997 ގައި ހދ. އަތޮޅު އޮފީހުގެ އެޓޯލް އިންވެސްޓިގޭޝަން ސެކްރެޓަރީގެ މަޤާމް ފުރުއްވައިދެއްވިއެވެ. އެއަށްފަހު 1980 އިން ފެށިގެން މިނިސްޓްރީ އޮފް ފިޝަރީސްގައި މެސެންޖާއެއްގެ ވަޒީފާ އަދާކުރެއްވިއެވެ. 1981 ވަނަ އަހަރުން ފެށިގެން ކޮންޓްރޯލް އޮފް ކޮމިއުނިކެބަލް ޑިޒީސެސް ޑިވިޝަން މެލޭރިޔާ ކްލިނިކްގައި ޑޮމިސިލިއަރީ ވޯކަރެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. ހަމަ އެ އަހަރު މިނިސްޓްރީ އޮފް ޖަސްޓިސް ކޯޓު ނަންބަރު 3 ގައި ޕިއޯނެއްގެ ވަޒީފާވެސް އަދާކުރެއްވިއެވެ. އެއަށްފަހު 1982 ވަނަ އަހަރު ޕަބްލިކް ވޯކްސް ޑިޕާޓްމެންޓްގައި މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. 1983 ން 1985 އަށް ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމެންޓްގައި ކްލާކެއްގެ ވަޒީފާވެސް އަދާކުރެއްވިއެވެ. އަދި ހަމަ މި މުއްދަތުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ސާވިސްގައިވެސް ނޭޝަނަލް ސެކިއުރިޓީ ގާޑެއްގެ މަޤާމް ފުރުއްވިއެވެ.

ޙަސަން ޝާކިރު ވަނީ 1988 ގައި ޓީވީއެމްގައި އެސިސްޓެންޓް އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އެއަށްފަހު 1989 ގައި ވަނީ އެސްޓީއޯ މެޑިކަލް ސަޕްލައިސް ޑިޕާޓްމެންޓްގައި 1990 އާއި ހަމައަށް ފާމަސީ އެސިސްޓެންޓް މެނޭޖަރގެ މަޤާމް އަދާކުރައްވާފައެވެ. އަދި އޭގެ ފަހުން ފާމަސީ މެނޭޖާރގެ މަޤާމް 1994 އާ ހަމައަށް ފުރުއްވިއެވެ. އެއަށްފަހު 1998 ވަނަ އަހަރާ ހަމައަށް މާލޭ މުނިސިޕަލިޓީގައި، މާލޭ ހައުސިންގ އެންޑް ލޭންޑްސްގެ އެސިސްޓެންޓް ޑިރެކްޓަރގެ ވަޒީފާ އަދާކުރެއްވިއެވެ.

އަހަރުތަކަކަށްފަހު އަލުން ޙަސަން ޝާކިރު ނޫސްވެރިކަމުގެ ދާއިރާއަށް ނިކުންނެވީ 1998 ވަނަ އަހަރުއެވެ. އެގޮތުން 2006 އާ ހަމައަށް ރޭޑިޔޯ މޯލްޑިވްސްގައި އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމް ފުރުއްވިއެވެ. 2006ން ފެށިގެން ޝާކިރު މަސައްކަތްކުރެއްވީ ޓީވީއެމްގައި ޑެޕިއުޓީ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އެއަށްފަހު 2011 ގައި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕޮރޭޝަންގައި ލޮޖިސްޓިކްސް އެސިސްޓެންޓް މެނޭޖަރގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށްފަހު 2018 ގައި ޕަބްލިކް ސާވިސް މީޑިއާގައި މެއިންޓެނެންސް މެނޭޖަރ، އަދި 2018 ވަނަ އަހަރު ޕްރޮޖެކްޓްސް މެނޭޖަރގެ މަޤާމް އަދާކުރެއްވިއެވެ.

ޙަސަން ޝާކިރަށް ނޫސްވެރިކަމުގެ ރޮނގުން 1993 ވަނަ އަހަރު ވަނީ ‘ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރިހި ގަލަމުގެ ހަނދާނީލިޔުން’ ލިބިވަޑައިގެންފައެވެ. ހަމައެއާއެކު ޝާކިރު ވަނީ މުޖުތަމަޢު ހޭލުންތެރިކުރުމަށްޓަކައި، ‘ބިތުފަންގި ރޭޑިޔޯ ސިލްސިލާ 3’ ފަދަ އުފެއްދުންތައް ތައްޔާރުކޮށް ހުށަހަޅާފައެވެ.

މިހާރު ޝާކިރު ހުންނެވީ ރިޓަޔާރ ކުރައްވާފައެވެ. ހަމަ ޔަޤީނުންވެސް ޝާކިރު ފަދަ ކުޅަދާނަ ޚިދުމަތްތެރިންގެ މަސައްކަތްތަކަކީ އަގު ނުކުރެވޭ ފަދަ ބުރަ މަސައްކަތްތަކެކެވެ.

ގޮށްކޮޅުގެ ފަރާތުން އެދެނީ ޝާކިރަށް އަދަށްވުރެ ފެހި މާދަމާއެއް ދެއްކެވުމެވެ. އަދި ޢުމުރުގައި ބަރަކާތް ލައްވާ ދުޅަހެޔޮ ޞިއްޙަތެއް މިންވަރުކޮށްދެއްވުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ