ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބޭހެއް ކަމަށްވާ އެމިޑޯން ސަސްޕެންޝަން ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީި (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.
ވިއްކުން މަނާކޮށްފައި ވަނީ ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީއިން އުފައްދާ އެމިޑޯން ސަސްޕެންޝަން (1mg/1ml)އެވެ.
އެމްއެފްޑީއޭއިން ބުނީ މި ބޭސް ބޭނުން ކުރުން މަނާކޮށްފައިވަނީ އެ ބޭހުން ސިއްހަތަށް ނުރައްކާވާ ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއިތައިލީން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭތީއެވެ.
އެ ކެމިކަލް މާއްދާ ބޭހުގައި ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީއިން އެމްއެފްޑީއޭއަށް އަންގާފައިވާއިރު، މިއަދުން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް އެތެރެ ކުރުން ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ އިއުލާނުކޮށްފައެވެ.
އެމްއެފްޑީއޭއިން އިތުރަށް ބުނީ އަމިއްލަ ބޭނުމަށް ބޭސްސިޓީއަށް ވެސް މި ބޭސް އިމްޕޯޓް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި މި ބޭސްތައް އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.