ހަނިމާދޫ ފެނުގެ ނިޒާމް ފެނަކަ އަތުން ނަގައި އިތުރު ފަރާތަކަށް ހަވާލު ކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ.
ހަނިމާދޫ ކައުންސިލުން މިފަދައިން ނިންމީ މިއަދު ކުރިއަށް ގެންދިޔަ އެކައުންސިލްގެ 4 ވަނަ ދައުރުގެ 115 ޢާއްމު ބައްދަލުވުމުގައެވެ.
މިއަދުގެ ޖަލުސާގައި ރިޔާސަތުން ހުށައެޅި މައްސަލައެއްގައި ބުނީ ކައުންސިލްތަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ލިބިދީފައިވާ ފުރުސަތާ ގުޅޭ ގޮތުން މަޝްވަރާއަށް ހުޅުވާލާކަމަށެވެ.
ރިޔާސަތުން ހުޅުވާލި ފުރުސަތުގައި ހަނިމާދޫ ކައުންސިލުގެ ނައިބު ފިރާގް ފުރުސަތު ހޯއްދަވާ ޖަލުސާއަށް ވަނީ ހުށައެޅުމެއް ހުށައަޅާފައެވެ. އެ ހުށައެޅުމުގައި ބުނެފައިވަނީ ފެނަކައަށް ފެނުގެ ހިދުމަތް ފުރިހަމަ އަށް ނުދެވޭ ކަމަށާއި ފެން ތަހުލީލު ކުރަނީ މާލެއަށް ފޮނުވައިގެން ކަމަށެވެ. އަދި ފެން ތަހުލީލުކޮށް ރިޕޯޓް ލިބޭއިރު ރައްޔިތުން ތިބެނީ އެފެން ބޭނުން ކޮށްފައިކަމަށެވެ.
“އެހެން ވީމަ ހުށައަޅަން އެމްޑަބްލިޔުއެސްސީ އާއި ވާހަކަ ދައްކާ މަޝްވަރާކޮށް އެފަރާތުން ހަވާލުވާން ތައްޔާރު ނަމަ އެފަރާތަށް ހަނިމާދޫ ފެނުގެ ކަންތައް ހަވާލު ކުރަން” ފިރާގް
މި ހުށައެޅުންް ޖަލުސާގެ ފުރިހަމަ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
މިއަދު ޖަލުސާގައި މެންބަރު އަލީ އިބުރާހިމް ފިޔަވާ ހުރިހާ މެންބަރުން ބައިވެރިވިއެވެ. އަލީ ހުރީ އައިލީ ޒިންމާ ޗުއްޓީގައެވެ.