ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ 30 ޗެމްޕިއަންޝިޕް ގުރުއަތުލުން ކުރިއަށް ގެންގޮސްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ 30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފިއެވެ.

މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ ހަނިމާދޫ ބުރޭކް ޓައިމް ގައި މިރޭ ބޭއްވި ކުޑަކުޑަ ރަސްމިއްޔާތެއްގައެވެ. މި އަހަރުގެ މުބާރާތުގައި ޖުމުލަ 9 ޓީމު ބައިވެރިވެފައި ވެއެވެ. މުބާރާތް ކުޅުމަށް ހަމަ ޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހައިލައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ގުރޫޕް އޭ:
* އަހުލީ
* ޔޫތު ފްރެންޑްސް
* ކްލަބް ޑޮމިނޭޓާސް(ހިރިމަރަދޫ)
* ރިއަލް ސްޓާސް
* ޔުނީފޯމް

ގުރޫޕް ބީ:
* ރޫހް
* ޑެޒައާ ކްރޫ ސްޕޯޓްސް ކްލަބް(ފިނޭ)
* ފަލްކަން
* ޝީލްޑް

މި މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ މިމަހުގެ 15 ވާ ހުކުރު ދުވަހު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ