ނަޝީދު ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގެންފި

ފަހުގެ ސިޔާސީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިވަގުތަށް ސިޔާސީ ކަންކަމާ ދުރަންޖެހިވަޑައިގެންފައިވާ ކަމަށް އިއުލާންކުރައްވައިފި އެވެ.

ނަޝީދު ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގެންފައި މިވަނީ ސިޔާސީ ގޮތުން އެމަނިކުފާނަށް ބޮޑެތި ނާކާމިޔާބީތަކެއް ލިބިވަޑައިގެން ކުރިން އޮތް ތާއީދުވެސް ވަރަށް ބޮޑަށް ދަށްވެ އޮފް ކެނޑިފައި ވަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ނަޝީދު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުން ނަމަ އެމަނިކުފާނު ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވަނީ އަހަރުތަކަކަށެވެ. އެހެންވެ އެމަނިކުފާނު ވަނީ ސިޔާސީ މަސައްކަތްތަކުގައި އެމަނިކުފާނަށް އެހީތެރިވި މީހުންނާއި އަދި ފުރައްސާރަކޮށް މަލާމާތް ކުރި މީހުންނަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވާނެކަން ޔަގީންކޮށްދެއްވުމަށްފަހު ނަޝީދު ވަނީ އެމަނިކުފާނު މަޖިލީހުގައި މިހާރު ތަމްސީލް ކުރައްވަމުން ގެންދަވާ މައްޗަށްގޮޅި މެދު ދާއިރާގެ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާކުރުމަށް ކަމަށެވެ. ރާއްޖެ އަކީ އިސްލާމީ މަތިވެރި އުސޫލުތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް އިހްތިރާމު ކުރާ އަދި ރައްޔިތުންނަށް ދުލާއި ގަލަމުގެ މިނިވަންކަން ކަށަަވަރުކުރެވިފައިވާ ތަނަކަށް ހެދުމަށްވެސް މަސައްކަތް ކުރެވުނު ކަމުގައި ވިދާޅުވި އެވެ. އަދި އެކަންކަން ކުރިއަށް ވުރެ މާބޮޑަށްވެސް ރާއްޖޭގައި އަށަގަނެފައިވާ ކަމަށް ނަޝީދު ގަބޫލުކުރައްވާ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

“އަޅުގަނޑުގެ މި ސިޔާސީ މަސައްކަތުގައި އަޅުގަނޑަށް ވަނީ ނުހަނު އަނިޔާއާއި ހިތާމަވެރިކަމާއި އެކަނިވެރިކަން ލިބިފަ އެވެ. ޖަލުގެ އަނިޔާއާއި އެތައް ފަހަރެއްގެ ބަންދު ތަހައްމަލު ކުރާންޖެހުނެވެ. އަޅުގަނޑުގެ އާއިލާއާއި ދުރުގައި އުޅެންޖެހި މުޅި ޒާތީ ހަޔާތް މިވަނީ ބަރުބާދުވެފަ އެވެ. ބޮމުގެ ހަމަލާއިން މަރުގެ ތުންފަތް މައްޗަށް ހުށަހެޅިފަ އެވެ. އެހެންނަމަވެސް މިމަސައްކަތުގައި އަޅުގަނޑަށް ނުހަނު އުފާވެރިކަމާއި ހިތްހަމަޖެހުންވެސް ލިބިފައިވެ އެެވެ. އަޅުގަނޑުގެ ބޮލުގައި އެޅިދިޔަ ކޮންމެ މަޅިއެއް ވަނީ މާފައްޗަކަށް ބަދަލުވެފަ އެވެ. މިކަމަށްޓަކައި އަޅުގަނޑު މާތް ރަސްކަލާނގެއަށް އިހްތިހާއަށް ކުށްތަންވަމެވެ. ޝުކުރު ދަންނަވަމެވެ،” ނަޝީދުގެ ބަޔާނުގައިވެ އެވެ.

ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނަށް “ވީމިންވަރަކުން” ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށްދީފައިވާނެ ކަމަށެވެ. ރާއްޖޭގެ ރައީސް ކަމުގައި ހުންނަވައިގެން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ ނިޒާމެއް ގާއިމުކުރުމަށާއި ރާއްޖޭގައި ޓެކްސް ނިޒާމެއް ގާއިމުކުރުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

“ރާއްޖެއަކީ ނުހަނު ނާޒުކު ތިމާވެއްޓެއް އެކުލެވޭ ރާއްޖެ އެކެވެ. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލެވުނު ގާނޫނުތައް ފާސްވެފައިވުމަކީވެސް އަޅުގަނޑަށް ލިބޭ އުފަލެކެވެ. އެހެންނަަމަވެސް ތަރައްގީގެ ނަމުގައި ފަރުތަކާއި ތިމާވެއްޓަށް ގެއްލުންދެނިވި ކަންކަން ހިނގާކަމީ ލިބޭ ވަރަށް ބޮޑު ދެރައެކެވެ. އަޅުގަނޑުގެ އުއްމީދަކީ މިކަންކަންވެސް އިސްލާހުވުމެވެ. އަޅުގަނޑު ދެކެނީ ޒުވާނުންގެ ހޭލުންތެރިކަމާއެކު އަޅުގަނޑުމެންގެ މުސްތަގުބަލް އުޖާލާ ކަމަށެވެ،” ބަޔާނުގައިވެ އެވެ.

ނަޝީދުގެ ބަޔާން ނިންމާލައްވަމުން ވިދާޅުވީ ރާއްޖެ ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމް، އިންޓަ ގަވަރުމަންޓަލް ޖަމާއަތަކަށް ބަދަލުވެފައިވާތީ އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ގަބޫލުކުރެއްވުމަށް މެންބަރު ގައުމުތަކުގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާ ގާނާގެ ރައީސް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުން ގަބޫލުކުރެއްވި ކަމުގައިވެސް ވިދާޅުވި އެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި މިޖަމާއަތުގެ ވަޒީފާގައި ހުރެ އަޅުގަނޑަށް ރާއްޖެއަށް ހިދުމަތް ކޮށްދެވޭ މިންވަރު އިންތިހާއަށް ތަނަވަސްވާނެ އެވެ. ކުރިއަށް އޮތް ޖަނަވަރީ މަހުން ފެށިގެން އަޅުގަނޑު މިޖަމާއަތުގެ ވަޒީފާ އަދާކުރަން ފަށާނެ ވާހަކަ އިހްތިރާމާ އެކު ދަންނަވަމެވެ.” ނަޝީދު ވިދާޅުވެފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ