ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާ ބަލިޖެހިފައިވާ ބަޔަކު ކުޅުދުއްފުށިން ފެނިއްޖެ

ޚަބަރު ފަހުގެ ޞިއްހަތު

ރާއްޖެއިން ނައްތައިލާފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ ބަޔަކު ކުޅުދުއްފުށިން ފެނިއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ ކޭސްތައް ފެނުނީ މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީންގެ ފަރާތުން ކަމަށެވެ. އެ މީހުންނަކީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ނުވަތަ އެންޑެމިކް ސަރަހައްދުތަކުން އައިސްފައިވާ މީހުން ކަމަށްވެސް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އެޖެންސީން އިތުރަށް ބުނީ، ފައިލޭރިއާ ކޭސްތަކެއް ފެނުމުން ކުޅުދުއްފުށީގައި އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ކުރެވުނު މަސައްކަތުން މިހާތަނަށް ކުރެވުނު ޓެސްޓުތަކުން 17 މީހަކު ފައިލޭރިއާއަށް ޕޮސިޓިވްވެފައިވާކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މިއާއެކު، މިހާތަނަށް ޕޮސިޓިވްވި މީހުންގެ ބަލި ހުރިތޯ ޔަގީންކުރުމަށް އިތުރު ޓެސްޓު ހެދުމާއި، މި ޓެސްޓުން ޕޮސިޓިވްވާ މީހުންނަށް ދޭންވާ ފަރުވާގެ ކަންކަން އިންތިޒާމުކުރެވެމުންދާކަމަށް އެޗްޕީއޭއިން ބުންޏެވެ. މިއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއެކު މަޝްވަރާކުރެވެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ފައިލޭރިއާ އަކީ އާންމުކޮށް ކިއުލެކްސް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. މި މަދިރި އުފެދި އާލާވަނީ އާންމުކޮށް ހަޑި ފެނުގައެވެ. ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން ބޭރަށް އަލާމާތެއް ނުފެނި ހުރެދާނެއެވެ. އެހެންނަމަވެސް ދިގު މުއްދަތަކަށްފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުން، ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. ފައިލޭރިއާގެ އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުމެވެ.

މި ބައްޔަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔަކަށްވެފައިވާ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރިން ރައްކާތެރިވުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ފައިލޭރިއާއަކީ ރާއްޖޭގެ ޕަބްލިކް ހެލްތު ނުރައްކަލެއް ނޫންކަމަށް ނިންމާ، ރާއްޖެއަކީ މި ސަރަހައްދުގައި ފައިލޭރިއާއިން ސަލާމަތްވެފައިވާ ފުރަތަމަ ގައުމުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ