ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ކެބިނެޓުގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީގެ ބައްދަލުވުމުގައި ވޯޓަށް ހުޅުވައިލުމުން 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 5 މެންބަރެކެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ކެބިނެޓްގައި ތިއްބެވި 22 ވަޒީރުންނަަށް ރުހުން އޮތްކަމަށް ކޮމެޓީން ފާސްކުރަން ހުށަހެޅުއްވީ އެމްއެންޕީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެއެވެ.
ދިހަ މެންބަރުން ހާޒިރުވި ކޮމިޓީގައި އެއިސްލާހަށް ވޯޓަށް އެހުމުން ސަރުކާރަށް ތާއީދު ކުރައްވާ 5 މެންބަރުން ވޯޓް ދެއްވީ ވަޒީރުންނަށް ރުހުން ދެއްވުމަށެވެ. އަދި އެމްޑީޕީގެ މެންބަރުން ނިންމީ އެއްވެސް ކޮޅަކަށް ވޯޓް ނުދިނުމަށެވެ.
ކޮމެޓީ ފެށްޓެވުމުގެ ގޮތުންވަނީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން އަމިއްލަ މީހަކު ފޮނުވި ސިޓީއެއް އިއްވާފައެވެ. މެންބަރުންގެ މެދުގައި ބަހުސްތަކެއް ކުރެއްވުމަށްފަހު ކޮމިޓީގައި ވޯޓަށް އަހާފައިވަނީ ގަނޑުކޮށްށެވެ. އެހެންނަމަވެސް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ ވަކިވަކިވަކިންކަމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ދިޔައިރު، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައެވެ.ވަޒީރުންނަށް ރުހުންހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު 20 ގައެވެ.
ކުރިން މި މަހު 18ގައި ވަޒީރުންނަށް ރުހުންދޭން ތަޅުމަށް އެޖެންޑާކުރި ނަމަވެސް، އެ ދުވަހު ކޮމިޓީން އެކުލަވައިލި ރިޕޯޓު އެއްކޮށް ފުރިހަމަނުވާތީއާއި ވުޒާރާތަކުގެ މެންޑޭޓު ފާސްކޮށްފައިނުވާތީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލާށެވެ.