ހަނިމާދޫ އެއަރޕޯޓުގެ އައު ރަންވޭގެ ބައެއް އަންނަ މަހު ބޭނުންކުރަން ފަށަނީ

ޚަބަރު ފަހުގެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ އެއްބައި އަންނަމަހު ބޭނުންކުރަން ފަށާނެ ކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޙަޤީޤީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މުބީން ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތްތައް އެވްރެޖްކޮށް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. މުބީން ވިދާޅުވީ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މަސައްކަތްތައް ކުރިއަށްދާގޮތް ބެއްލެވުމަށްފަހު ޓެކްނިކަލް ޓީމްވެސް ވަރުގަދަކޮށްފައިވާކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. މުބީން ވިދާޅުވީ އެއަރޕޯޓަށް އިތުރުކުރާ ރަންވޭގެ އިތުރު ބައިތަކުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި އައު ރަންވޭގެ 1200 މީޓަރުގެ މަސައްކަތް ނިންމާ އަންނަމަހުގެ 15 ހިސާބުގައި ވަގުތީގޮތުން ބޭނުންކުރަން ފެށުމަށްފަހު މިހާރު ބޭނުންކުރަމުން އަންނަ ރަންވޭ ބަންދުކުރާނެ ކަމަށް މުބީން ވިދާޅުވިއެވެ.
“ޓާމިނަލަށް ބޭނުންވާ ބައެއް ސާމާނުވެސް ވަނީ ގެންގޮސްފައި. ޝެޑިއުލްއާ އެއްވަރަށް މަސައްކަތް ކުރިއަށް އެބަދޭ.” މުބީން

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ރަންވޭ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޕެސެންޖަރ ޓާރމިނަލް ބިލްޑިންއާއި ޖެޓީ ޓަރމިނަލް ބިލްޑިން މަސައްކަތުގެ %29.1 ވަނީ ނިމިފައެވެ. މީގެ އިތުރުން ޕޭވްމަންޓާއި ރޯޑް ވޯކްސްގެ %73.7 އަދި ފިއުލް ފާމާއި ފިއުލް ޖެޓީ މަސައްކަތުގެ %9 ވަނީ ނިމިފައެވެ.

މިމަޝްރޫޢު ކުރިއަށްގެންދިއުމަށް ޕްލޭންކޮށްފައިވަނީ، އައު ރަންވޭގެ ބައެއް ނިންމާ، ޑޮމެސްޓިކް ދަތުރުތަކަށް ވަގުތީގޮތުން ރަންވޭ ބޭނުންކުރަން ހުޅުވާލުމަށެވެ. އަދި އެއަށްފަހު މިހާރުގެ ރަންވޭއާއި ޓަރމިނަލް ނަގާ، އެ ސަރަޙައްދު ކަނޑައެޅިފައިވާ ޕްލޭންގެ ދަށުން ތަރައްޤީކުރަން ފެށުމަށެވެ.

މިމަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރެއެވެ. އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ބޮއިންގ 737 އާއި A320 މަރުކާގެ ބޮޑެތި ބޯޓު މިރަންވޭއަށް ޖެއްސޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ. މިއެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މުޅި މަޝްރޫޢު މިފެށޭ އަހަރުގެތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢަކީ ރާއްޖޭގައި އަތޮޅުތަކުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ އަގު ބޮޑު މަޝްރޫޢުއެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ