ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފަށައިފިއެވެ.
މިއަދުވަނީ އެއަރޕޯޓުގެ 1200 މީޓަރު ސަރަޙައްދު ބޭނުންކުރަން ފަށާފައެވެ. އަދި މިބައި ބޭނުންކުރަން ފަށާފައިވަނީ ރަންވޭގެ ބާކީ އޮތް ބައި ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ކުރީގެ ރަންވޭ ތަޅާލުމަށްފަހު ކަމަށް ވާތީއެވެ. ރަންވޭގެ މިބައި ބޭނުންކުރަން ފަށާފައިވަނީ ރޭގަނޑަށްވެސް ފްލައިޓް ޖެއްސޭނެގޮތަށް އޮޕަރޭޝަންތަކަށް ދަތިނުވާނެހެން ހުރިހާ ވަޞީލަތްތަކާއެކުގައެވެ.
އެއަރޕޯޓްގެ އައު ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން އަދި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލާމްގެ އިތުރުން ހަނިމާދޫގެ މުއައްސަސާތަކުގެ ވެރިންނާއި ގެސްޓް ވިޔަފާރި ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އެއަރޕޯޓްގެ އައު ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ ޝެޑިއުލްއާ އެއްގޮތަށް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މިހާރު މަސައްކަތްދާ ސްޕީޑްގައި ކުރިއަށްދާނަމަ މާރޗް މަހުގެ ނިޔަލަށް މުޅި ރަންވޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މުބީން ވިދާޅުވިއެވެ. މުބީން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި، އޭގެ އިތުރަށްވެސް އެއަރޕޯޓެއްގައި ހުންނަން ޖެހޭ ކަންތައްތައް ބެލުމަށްފަހު އެކަންތައްތައްވެސް ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. މުބީން ވަނީ އެއަރޕޯޓް މަޝްރޫއަކީ ހަނިމާދޫގެ ރައްޔިތުންގެ އިތުރަށް އެސަރަހައްދުގެ އެހެން ރަށްތަކަށްވެސް ފައިދާވާނެ މަޝްރޫއެއްކަން ފާހަގަ ކުރައްވާފައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީ ކުރާ އައު ރަންވޭއަކީ 2465 މީޓަރުގެ ދިގު ރަންވޭއެކެވެ. މިރަންވޭ ތަރައްޤީކުރުމުގެ ދެވަނަ ބައިގައި ހިމެނޭ 300 މީޓަރު ސަރަހައްދުގައި މިހާރުވަނީ ސަބްބޭސް އަޅާފައެވެ. އަދި ބާކީ އޮތް 650 މީޓަރުގެ މަސައްކަތް ކުރުމަށްޓަކައި ކުރީގެ ރަންވޭ ބަންދު ކުރާނެކަމަށާއި، މި ދެބައިގައި ތާރު އެޅުމުގެ މަސައްކަތް ކުރާނީ އެކުއެކީގައި ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢަކީ އަތޮޅުތަކުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ބޮއިންގ 737 އާއި 320 މަރުކާގެ ބޮޑެތި ބޯޓުފަހަރު މިރަންވޭއަށް ޖެއްސޭނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ. މިއެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ރަންވޭގެ މަސައްކަތުގެ އިތުރަށް ފަސިންޖަރ ޓާރމިނަލް ޢިމާރާތާއި ޖެޓީ ޓަރމިނަލް ޢިމާރާތުގެ މަސައްކަތުގެ %29.1 ވަނީ ނިމިފައެވެ. މީގެ އިތުރުން ޕޭވްމަންޓާއި ރޯޑް ވޯކްސްގެ %73.7 އަދި ފިއުލް ފާމާއި ފިއުލް ޖެޓީ މަސައްކަތުގެ %9 ވަނީ ނިމިފައެވެ.