ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު މި ވަގުތު ހުރި ގޮތުން، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވަ މިއަދު އެކަން އިއުލާން ކުރައްވައިފި އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ދައުލަތުގެ މާލިއްޔާ އަށް ކުރިމަތިވެފައިވާ، އަދި ދަރަނި އިތުރުވާން ވެސް ދިމާވެފައިވާ މައިގަނޑު ސަބަބަކީ އާމްދަނީއާ އަޅާބަލާއިރު ސަރުކާރުގެ ހަރަދުތައް ބޮޑުތަނުން އިތުރުވުން ކަމަށެވެ.
އެއާ އެކު، ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަން އެ މަނިކުފާނު ހާމަކުރެއްވި އެވެ.
“ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން،” ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަމިއްލަ އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގާނެ ކަމަށެވެ.
އޭގެ ތެރޭގައި އާސަންދަ އާއި ސަބްސިޑީ ދިނުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ މާލިއްޔަތުން ވަމުންދާ އިސްރާފުތައް ކުޑަކުރުން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދަރަނީގެ ދެމެހެއްޓެނިވިކަން އަނބުރާ އިއާދަކުރުމުގައި މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވުމުގެ ކުރިން ވަނީ އެކުލަވާލައިފަ އެވެ.
“މި މަސައްކަތާ އެކުއެކީގައި ފިސްކަލް ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ދާނީ އަޅަމުން،” ރައީސް ވިދާޅުވި އެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ރައީސް މުއިއްޒު އޮތީ ނިންމަވާފައި އެވެ.