ގުޅިފަޅު ހިއްކުން ވަގުތީ ގޮތުން މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފިއެވެ.
ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރެވެ. އެކަމަކު، އެ ކޯޓުން ނިންމީ މަޝްރޫއު މަޑުޖައްސާލަން ޖެހޭ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ.
އެހެންވެ، ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަދު ހެނދުނެވެ. ބަންޑާރަ ނައިބުގެ ފަރާތުން ހައި ކޯޓުގެ އަމުރު އިސްތިއުނާފް ކުރިއިރު، އެ ކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެ ދިނުމަށް ވެސް ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.
ގުޅިފަޅު ހިއްކުން މިވަގުތު ކުރިއަށް ގެންދެވޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރުނީ އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އަދި ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައިގައި އެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.
އެ ފަނޑިޔާރުން ނެރުއްވި އަމުރުގައި ވަނީ ހައި ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން މިވަގުތު ފަސްނުކޮށްފި ނަމަ، އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިއުމުގެ އިހްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އަމަލު ކުރަން އަންގަންދެން ނުވަތަ މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ދެން ހައި ކޯޓުގެ ގަޒިއްޔާގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުގެ ގަވައިދުގެ 21 ވަނަ މާއްދާގެ ދަށުން އެންމެހާ ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
ހުމައިދާ އެ މައްސަލަ ކޯޓަށް ހުށަހެޅީ ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެއްޓަށް އިންތިހާ އަށް ގެއްލުން ބޮޑު، ރާއްޖޭގެ ގުދުރަތީ ވެއްޓާއި ދިރުންތަކުގެ މުއްސަނދިކަމުން ހޯދާ އިގްތިސާދީ އަދި އިޖުތިމާއީ ނަފާ ހީނަރު ކުރުވައި މާލީ ގޮތުން ދެކޮޅު ނުޖެހޭ ދަރަނި ބޮޑު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ޕްރޮޖެކްޓެއް ކަމަށް ބަލައި އެ ޕްރޮޖެކްޓް ހުއްޓުވައި ދިނުމަށް އެދިއެވެ.