އެއާ އެމްބިއުލާންސްގެ ހިދުމަތް ދެ މަތިންދާބޯޓާ އެކު ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެ

ޚަބަރު ފަހުގެ

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

ރައީސް ރޭ ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ނޭޝަނަލް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ މަތިންދާބޯޓެއް މިހާރު ތައްޔާރު ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އޭރުން އޮންނާނީ ފުލްޓައިމްކޮށް މޯލްޑިވިއަން އިން އޮޕަރޭޓްކުރާ އަޅުގަނޑުމެންގެ އަމިއްލަ ބޯޓެއް. ކޮންމެ ތަނަކުން، ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ބަލި މީހުން ކުއްލި ހާލަތުގައި އެއް ތަނުން އަނެއް ތަނަށް ގެންދެވޭނެ ބޯޓެއް، ލަންކާއާ ހިސާބަށް ދާން ވިޔަސް ގެންދެވޭނެ. އަދި އެ ތަނަށް މަޑުކޮށްފައި ތެޔޮ އަޅައިގެން އަދި އެ އަށް ވުރެ ދުރަށް ވެސް ދެވޭނެ.” ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ޑޭޝް 8 މަރުކާގެ މަތިންދާބޯޓުގެ އިތުރުން ސީޕްލޭން މަތިންދާބޯޓެއް ވެސް އެއާ އެބްލިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ ކަމަށެވެ.

“ސީޕްލޭން ހަމައެކަނި ދުވާލުގެ ވަގުތުތަކުގައި އޮޕަރޭޓް ކުރާނީ. އެކަމަކު ސީޕްލޭންގެ އެޑްވާންޓޭޖަކީ ކޮންމެ ރަށެއް ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކޮށްލެވޭނެ،” އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ދެ ބޯޓު އޮޕަރޭޝަނަށް އައުމާ އެކު ދިވެހި ސަރުކާރުން އަމިއްލަ އަށް މެޑިކަލް އިވެކުއޭޝަންތައް ހެދުމުގެ ގާބިލުކުން ހޯދުނީ އެވެ. މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.

ދިވެހިންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. އަދި އެ މަނިކުފާނުގެ ވައުދެވެ.

ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ސަރަހައްދީ ގައުމުތަކުގެ އިތުރުން ޔޫއޭއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހިންނަށް ބޭސްފަރުވާގެ އިންތިޒާމު ވެސް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެ ގައުމުތަކަށް ވެސް އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލުމުގެ އަަވަސް އިންތިޒާމުތަކެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ