މޯލްޑިވިއަން އިން ހަތަރު ވަނަ އޭޓީއާރް ބޯޓު ރާއްޖެ ގެނެސްފި

ޚަބަރު ފަހުގެ

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޭޓީއާރް މަރުކާގެ އާ ބޯޓެއް ގެނެސްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ބޯޓު ޖެއްސީ މިއަދު ހަވީރު 5:10 ގަ އެވެ. އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި ލޯކަލް ގަވާނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ބައިވެރިވެވަޑައިގަތެވެ.

އިޝްތިހާރު
އިޝްތިހާރު

ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރްގެ މި ބޯޓުން 42 މީހުންނަށް އެއް ފަހަރާ ދަތުރު ކުރެވޭނެ އެވެ.

މޯލްޑިވިއަން އިން އެންމެ ފުރަތަމަ އޭޓީއާރު މަރުކާގެ ބޯޓެއް ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެންމެ ފުރަތަމަ ގެނެސްފައިވަނީ 72 މީހުންގެ ޖާގައިގެ ދެ ބޯޓެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އޭޓީއާރްގެ 42 މީހުންގެ ޖާގައިގެ ބޯޓެއް ގެނެސް ބޭނުން ކުރަން ފަށައިފަ އެވެ.

ބޯޓު ގެނައުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އަމީނު ވިދާޅުވީ، މިއަދަކީ އޭވިއޭޝަން އިންޑަސްޓްރީއަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، އެ ބޯޓާ އެކު އެ އެއާލައިނުގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ. ޑޮމެސްޓިކް ދަތުރުތަކުގެ 90 ޕަސެންޓު ކަވާ ކުރަނީ މޯލްޑިވިއަން އިން ކަމުގައިވާ އިރު އެކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އަޅުގަނޑުމެން ހަވާލުވި އިރުގައި މޯލްޑިވިއަނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް ހައްލެއް ހޯދައިދީ މި އަހަރުގެ ފަހުކޮޅަށް ދާއިރު މޯލްޑިވިއަންގެ ފްލައިޓުތައް، ރާއްޖެއާ ދުރު ސަރަހައްދުގެ ބައްރުތަކަށް ތަންތަނަށް ވެސް އުދުހުން،” އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަމަށް ބޭނުންވާ ވައިޑް ބޮޑީ އެއާކްރާފްޓު ހޯދުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރަމުން އަންނަ އިރު އެއްބަސްވުންތަކުގައި ވަރަށް އަވަހަށް ސޮއި ކުރެވޭނެ ކަމަށެވެ. މިދިޔަ ޑިސެމްބަރު މަހު އަމީނު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ހަ މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުުރު ފަށާނެ ކަމަށެވެ.

އޭޓީއާރްގެ ސަބްސިޑަރީ ކުންފުނި، އީސްޓާން ސަޕޯޓުގެ މެނޭޖިން ޑިރެކްޓަރު އެލެކްޒެންޑްރޯ ލޫޒީ ވިދާޅުވީ، މޯލްޑިވިއަންއާ އެކު އޭޓީއާރުން މަސައްކަތް ފެށީ މީގެ ދެ އަހަރު ކުރިން ކަަމަށާއި، ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި އެ ކުންފުންޏަށް ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ރާއްޖެ ގެނައި ބޯޓަކީ އެންމެ ޒަމާނީ އޭވިއޭޝަން ވަސީލަތްތައް ހުންނާނެ މަތިންދާ ބޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލަށް ގެނައި މި އެއާކްރާފްޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 15 ބޯޓު އިތުރުވާނެ އެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި ޑޭޝް މަރުކާގެ ބޯޓުތައް ވެސް ހިމެނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ