ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ

ޚަބަރު ފަހުގެ

ގއ. ކޫއްޑޫ މަސް ފެކްޓަރީގައި މަސައްކަތްކުރާ ތިން ބިދޭސީއަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެއްޖެއެވެ.

މިފްކޯއިން މައުލޫމާތު ދިން ގޮތުގައި ފައިލޭރިއާ އަށް ޕޮޒިޓިވްވި ބިދޭސީން ޓެސްޓުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މީހުން ޕޮޒިޓިވް ވެފައި ވަނީ ކޮންޓްރެކްޓް އާ ކުރަން ޓެސްޓް ހެދި އިރު، ފައިލޭރިއާ އަށް ޝައްކުވާ ބަޔަކު ފެނިގެން އިތުރަށް ޓެސްޓް ހެދުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ތިން މީހުންނަކީ ވެސް އިންޑިއާއަށް ނިސްބަތްވާ ތިން މީހުންނެވެ. އެ މީހުންނަށް ފަރުވާ ދިނީ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ކަމަށާއި އެ މީހުން މިހާރު ވަނީ ފަރުވާ އަށް ފަހު މަސައްކަތަށް ނުކުމެފައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯއިން ދަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާރު ކުރިއަށް ގެންދާ ފައިލޭރިއާ އަށް ސްކްރީން ޕްރޮގްރާމްގައި އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ ތަނެއްގައި މަސައްކަތްކުރާ ބިދޭސީން ވެސް ސްކްރީން ކުރަމުންނެވެ.

ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި ވަރު ދެނެގަތުމަށް މުޅި ރާއްޖޭގައި ސްކްރީނިން ގެންދަން އެޗްޕީއޭ އިން ނިންމީ މިދިޔަ ފެބްރުއަރީ މަހުއެވެ. ރާއްޖެއަކީ ފައިލޭރިއާ ނައްތާލާފައިވާ ގައުމެއް ކަމުގައި ކަނޑައަޅާފައި ވަނިކޮށް އެ ބަލި އަލުން ފެނިފައި ވަނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން ހދ. ކުޅުދުއްފުށީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހެދި ރެންޑަމް ސްކްރީނިން އަކުންނެވެ.

އެޗްޕީއޭއިން ފައިލޭރިއާ ސްކްރީނިންއާ ގުޅޭ ސާވޭއެއް ފަށާފައި ވާއިރު، އޭގެ ތަފްސީލު ހާމަކުރާނީ އެ ސާވޭ އެއްކޮށް ނިމުމުން ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ