ހުއްދަ ނުހޯދާ ޑްރޯން އަރުވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ޚަބަރު ފަހުގެ

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއާޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން އުދުއްސުން އިތުރުވެފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެގޮތަށް ޑްރޯން އުދުއްސުމަކީ ވައިގެ ދަތުރުފަތުރަށް އެކަމުގެ ސަބަބުން ނުރައްކަލެއް މެދުވެރިވެދާނެ ކަމެއް ކަމަށެވެ. އެހެންވެ ޑްރޯން އުދުއްސުމުގެ ކުރިން މި ވުޒާރާއިން ހުއްދަ ހޯދުމަށް މީގެކުރިންވެސް އާންމުކޮށް އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގެ ކޮންމެ ދިމާއެއްގައި ޑްރޯން އަރުވަން ބޭނުންވި ކަމުގައިވީ ނަމަވެސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ނޫނީ އެކަން ނުކުރުމަށްވެސް ހަނދާންކޮށްދީފައިވެ އެވެ. ހުއްދަ ހޯދުމަށް އެދި ފޯމު ހުށަހަޅާއިރު ރަސްމީ ބަންދުނޫން ތިން ދުވަސްކުރިން ހުށަހެޅުމަށްވެސް އެދިފައިވެ އެވެ.

“ހުއްދަ ނުހޯދާ މިކަންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެކަމުގައިވެސް ދަންނަވަމެވެ. އަދި ހުއްދަ ނުހޯދާ އުދުއްސާ ޑްރޯންތަކާ މެދު މި ވުޒާރާއިން އަޅާ ފިޔަވަޅަކާއި ގުޅިގެން އެތަކެއްޗަށް ލިބޭ ގެއްލުމެއްގެ ޒިންމާ މި ވުޒާރާއިން ނުނަގާނެ ކަމުގައިވެސް ދެންނެވީމެވެ.” އިއުލާންގައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ