އައްޑޫގައި “އިސްރަށްވެހިންގެ ހިޔާވަހި” ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ޚަބަރު ފަހުގެ

ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ “އިސްރަށްވެހިންގެ ހިޔާވަހި” އައްޑޫ ސިޓީގައި ބިނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

“އިސްރަށްވެހިންގެ ހިޔާވަހި”އަކީ ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ހަދާ ތަނެކެވެ. އެތަނުން ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެއެވެ.

މި ހިޔާވަހި ބިނާކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އައްޑޫ ސިޓީ ފޭދޫގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިނިންމެވުމާއި ގުޅިގެން، ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ