ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޝަރުއިީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި، މަޖިލީހުގެ އަބުރާ ކަރާމާތް ހިފަހެއްޓުމަކީ 20 ވަނަ މަޖިލީހުން އަދާކުރާނެ މުހިންމު މަސްއޫލިއްޔަތުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙިމް ޢަބްދުﷲ ވިދަޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ޢަބްދުއްރަޙީމް ވަނީ ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ނަންފުޅު މަޖިލީހުގެ ރައީސަކަށް ހުށަހެޅުއްވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރުއަދާކުރައްވާފައެވެ.
އަބްދުއްރަޙީމް ވިދާޅުވީ އައު މަޖިލިސް އެކުލެވިގެންދަނީ ޤައުމަށް މުހިންމު ދަނޑިވަޅެއްގައިކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގެންނެވީ މުހިންމު އައު ސިޔާސަތުތަކާއެކުގައި އިންގިލާބީ ބޮޑު ބަދަލެއް ރާއްޖެއަށް ގެނައުމުގެ ވިސްނުންފުޅުގައި ކަމަށެވެ. އެހެންކަމުން، މި މަޖިލިސް ވާނީ އެމަނިކުފާނުގެ މަސައްކަތްޕުޅާ ފިޔަވަޅު ހަމަކޮށް ހިނގަންވާނެ މަޖިލީހަކަށް ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމާއި، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި، މަޖިލީހުގެ އަބުރާ ކަރާމާތް ހިފަހެއްޓުމަކީ 20 ވަނަ މަޖިލީހުން އަދާ ކުރަންޖެހޭ މުހިއްމު މަސްއޫލިއްޔަތުތަކެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ސަރުކާރާއެކު މަސައްކަތްކޮށްގެން މިކަންކަމުގައި ގޮތް ނިންމަން ޖެހޭ ކަމަށެވެ. އެގޮތުން، އައު ޤާނޫނުތައް ތައާރަފުކޮށް މިހާރު ހުރި ޤާނޫނުތައް ބަލައި ހައްލުކުރުމާއި ޒަމާނާ ނުގުޅޭ ޤާނޫނުތައް އުވާލަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަޖިލީހުގައި ހިނގާ ބަހުސްތަކާއި ކުރެވޭ މަސައްކަތްތަކުގައި ތަފާތު ޚިޔާލުތަކާއި، ތަފާތު ފިކުރުތަކާއި ނަޒަރިއްޔާތަށް ޖާގަ އޮންނަންވާނެކަން ޤަބޫލުކުރައްވާކަމަށާއި، ނަމަވެސް އެކަންކަން އޮންނަންވާނީ މަޖިލީހުގެ ކަރާމާތާއި ޤަދަރު ހިފަހެއްޓޭ ގޮތަށް، މަޖިލީހުގެ ހަމަތަކާއި ސުލޫކީ މިންގަނޑުތަކުގެ ތެރޭގައި، މަޖިލީހުގެ ޤަދަރާއި އިހުތިރާމު އުފުލިގެންދާނެ ގޮތަކަށްކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި މަޖިލީހުގައި މަސައްކަތްކުރަން ޖެހޭނީ ރައްޔިތުން ހިތާއި ރޫހުން އެ މަސައްކަތްތައް ބަލައިގަންނާނެ ފެންވަރަކަށް ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.