މަޖިލީހާއި ކައުންސިލް މެންބަރުންގެ ޢަދަދު މަދުކުރަނީ

ޚަބަރު ފަހުގެ

ދައުލަތުގެ ހަރަދު ކުޑަކުރެއްވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހާއި، ކައުންސިލްތަކާއި، އެކި ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމުގެ ކަންކަން ނިންމަން ދައުލަތުގެ އިސްވެރިޔާގެ ގޮތުގައި އެންމެ މީހަކު ހޮވާއިރު ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ ޢަދަދެއްގެ މެންބަރުން އިންތިޚާބު ކުރުމަކީ ޚަރަދުބޮޑު ކަމެއް ކަމަށެވެ. އެހެންވެ، ކައުންސިލްތަކުގެ ސައިޒް ކުޑަކުރަންޖެހޭ ކަމަށާއި، ކުޑަ އާބާދީތަކުގައި ކައުންސިލް ރައީސާއި، ނައިބު ރައީސެއް ހޮވުމުން ފުދޭނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޮޑެތި އާބާދީ ރަށްތަކާއި ސިޓީތަކުގައި އެއަށްވުރެ ގިނަ މެންބަރުން ހޮވުން ރަނގަޅުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މިހާރު އަތޮޅު ކައުންސިލްތައް ހޮވަނީ މާނައޮތް ގޮތެއްގައިނޫންކަމަށް ސިފަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅު ކައުންސިލް އުފައްދާގޮތް ބަދަލުކޮށް އެއީވެސް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ސައިޒު ކުޑަ، އަދި ނަތީޖާ ނެރެވޭނެވަރުގެ ކައުންސިލަކަށް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމަށެވެ.

ރާއްޖޭގެ އާބާދީ އިތުރުވާވަރަކަށް މަޖިލިސް މެންބަރުންގެ އަދަދުވެސް އިތުރުވަމުންދާނެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ ރަނގަޅުގޮތަކީ 17 ވަނަ މަޖިލީހާއެއްގޮތަށް 77 މެންބަރުންނަށް އަދަދު ދަށްކުރުން ކަމަށެވެ. އޭގެ ސަބަބުން މަޖިލީހަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“މިކަހަލަ އިސްލާހުތަކެއް ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ގެނައީމަ އެސަލާމަތް ކުރެވެނީ ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް. އެ ފައިސާއިން ރައްޔިތުންނަށް ފައިދާހުރި އެތައް ކަމެއް ކުރެވޭނެ. އެތައް ކަމެއްގައި ރައްޔިތުންގެ ދިރިއުޅުން ތަރައްގީކުރެވޭނެ ސަރުކާރަށް،” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކައުންސިލާއި މަޖިލީހުގެ އިތުރުން ކޮމިޝަންތަކުގައިވެސް އާދަޔާ ޚިލާފަށް ބޮޑެތި އަދަދުތަކުން މެންބަރުން ހަމަޖައްސާފައި ހުންނަ ކަމަށާއި، އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ގިނަ މެންބަރުންތަކެއް މުހިންމު ނޫން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ކޮމިޝަންތަކުގެ މެންބަރުންގެ ޢަދަދުވެސް ކުޑަކުރުމަށް ޤާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެއް ބާވަތެއްގެ މަސައްކަތްތައްކުރާ ކޮމިޝަންތައް އެއްކުރުމަށްފަހު އެ ކޮމިޝަންތަކުގެ މަސައްކަތްތައް ރައްޔިތުންނަށް ފައިދާވާގޮތަށް ބަދަލުކޮށް، ނަތީޖާ ނެރެވޭނެ ގާބިލުކަން އިތުރުކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ސަބަބުން ރައްޔިތުންނަށް ފައިދާވާގޮތެއްގައި ނިޒާމު ބައްޓަން ވެގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ