ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހުށަހަޅަން ހާއްސަ ޕްލެޓްފޯމެއް، މައުލޫމާތު ސިއްރު ވާނެ

ޚަބަރު ފަހުގެ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އަދި އިމިގްރޭޝަނާ ގުޅުން ހުރި ކޮންމެ މައްސަލައެއް ކޮންމެ މީހަކަށް ވެސް އެ އިދާރާއާ ހިއްސާ ކުރެވޭނެ ހާއްސަ ޕްލެޓްފޯމެއް މިއަދު ތައާރަފުކޮށްފި އެވެ.

“އިމިގްރޭޝަން ވޮޗް”ގެ ނަމުގައި ތައްޔާރު ކޮށްފައިވާ އެ ޕޯޓަލެއް އިފުތިތާހު ކޮށްދެއްވީ މި ސަރުކާރުގައި ބޭއްވި އިމިގްރޭޝަންގެ ފުރަތަމަ މީޑިއާ ބްރީފިންގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދެވެ.

އިޝްތިހާރު
އިޝްތިހާރު

އިމުގާ ވެބްސައިޓުގައި ގާއިމްކުރި މި ޕޯޓަލް އަށް ކާކުކަން ސިއްރު ކުރެވޭ ގޮތަށް ވެސް ޝަކުވާ ހުށަހެޅޭނެ އެވެ. ފޮޓޯއާއި އިތުރު މައުލޫމާތާ އެކު، ރިޕޯޓު ކުރެވޭ މި ޕޯޓަލް އަށް 24 ގަޑިއިރު މައްސަލަ ހުށަހެޅޭނެ އެވެ.

“މި ޕްލެޓްފޯމުން ކޮންމެ ފަރާތަކަށް ވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓު ކުރެވިދާނެ. ނޫނީ ރާއްޖެ އަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައްސަލަ ހިއްސާ ކުރެވިދާނެ،” ކޮންޓްރޯލަރު ވިދާޅުވި އެވެ.

އޭގެ ނަތީޖާއަކީ ޝަމްއާން ވިދާޅުވި ގޮތުގައި، މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އިމިގްރޭޝަނަށް ފަހިވެ، އެ އިދާރާގެ މަސައްކަތަކަށް އިތުރު ބާރެއް ލިބުމެވެ.

މި ސަރުކާރު ވެރިކަމަށް އައިސް އެންމެ އިސްކަން ދީފައިވާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ ޑީޕޯޓް ކުރުމެވެ. މިދިޔަ ހަތް މަސް ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދުމުގެ ރެއިޑް އޮޕަރޭޝަންތަކެއް ވެސް ވަނީ ފަށައިފަ އެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ 100 އަށް ވުރެ ގިނަ މީހުން އެ އޮޕަރޭޝަންގެ ދަށުން ވަނީ އަތުލައިގަނެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ