ސާއްބަ އެނިވާސަރީ ކަޕް 2020ގެ ދެވަނަ މެޗް ބައްދަލުކުރި އަހުލީއާއި ކުޅެގެން ފަހަތުން އަރާ ރިއަލް ސްޓަރސް މޮޅުވެއްޖެއެވެ. މި މެޗުން ރިއަލް ސްޓަރސް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.
މި މެޗްގެ ފުރަތަމަ ހާފް ފެށިގެން ދިޔައީ ދެޓީމުގެ ވަރަށް ވާދަވެރި މޮޅު ކުޅުންތަކެއް ދައްކަމުންނެވެ. އަދި އެއާއެކު ދެޓީމު ދެޓީމަށް ވެސް ނުރައްކާތެރި ހަމަލާތަކެއް ކުރިއެވެ. މެޗްގެ ފުރަތަމަ ހާފްގެ 25 ވަނަ މިނެޓް ތެރޭ އަހުލީ ޓީމް ވަނީ ރިއަލް ސްޓަރސް ކޮޅައް ގޯލް ޖަހާ 1-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. މި ގޯލް ޖަހާފައި ވަނީ އަހުލީ ޓީމް ގެ ޖާރޒީ ނަންބަރު 5، މުޙައްމަދު ޙާލިދު (ކައްޓާ) އެވެ. މެޗްގެ ފުރަތަމަ ހާފްގެ 29 ވަނަ މިނެޓު ތެރެއިން ރިއަލް ސްޓަަރސްގެ ކީޕާރ އަޙްމަދު އަބްދުލް ވާހިދް އާއި އަހުލީގެ ޖާރޒީ ނަންބަރު 12 އަލީ ހުސެއިން އާއި ދެ ކުޅުންތެރިން ކުރި ފައުލަކުން މި ދެ ކުޅުންތެރިންނަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.
ފުރަތަމަ ހާފްގެ 38 ވަނަ މިނެޓު ތެރޭގައި ރިއަލް ސްޓަރސް ވަނީ އަހުލީ ކޮޅަށް ގޯލް ޖަހާ 1-1 ގެ ނަތީޖާއިން ހަމަހަމަ ކޮއްފައެވެ. އަދި ފުރަތަމަ ހާފްގެ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ތެރެއިން ލިބުނު ފުރުސަތުގައި ރިއަލް ސްޓާރސް ވަނީ އަހުލީ ކޮޅަށް އިތުރު ގޯލެއް ޖަހާ 2-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ފުރަތަމަ ހާފް ނިމުނީ 2-1 ގެ ނަތީޖާއިން ރިއަލް ސްޓަރސް ކުރި ހޯދައިގެންނެވެ.
ދެވަނަ ހާފް ފެށި 8 ވަނަ މިނެޓް ތެރެއިން ރިއަލް ސްޓާރސްގެ ޖާރޒީ ނަންބަރު 23 މުޙައްމަދު ހަސަންއަށް ވަނީ އަހުލީ ޓީމްގެ ޖާރޒީ ނަންބަރު 17 ސޮލާހް އަޙްމަދަށް ކުރި ފައުލަކާ ގުޅިގެން ރީނދޫ ކާޑެއް ދައްކާފައެވެ. މެޗްގެ ދެވަނަ ހާފްގެ 12 ވަނަ މިނެޓް ތެރެއިން ރިއަލް ސްޓަރސް ވަނީ އަހުލީ ކޮޅައް އިތުރު ގޯލެއް ޖަހާ 3-1 ގެ ނަތީޖާއިން ލީޑް ނަގާފައެވެ. އަދި ދެވަނަ ހާފްގެ 17 މިނެޓް ތެރެއިން ރިއަލް ސްޓަރސް ވަނީ އިތުރު ގޯލެއް ޖަހާ 4-1 ގެ ނަތީޖާގެ ބޮޑު ތަފާތަކުން ކުރި ހޯދާފައެވެ.
މެޗްގެ ދެވަނަ ހާފްގެ 41 ވަނަ މިނެޓް ތެރޭގައި އަހުލީ ވަނީ ރިއަލް ސްޓާރސް ކޮޅައް ގޯލް ޖަހާ 2-4 އަށް ނަތީޖާ ބަދަލު ކޮށްފައެވެ. އަދި މެޗް ނިމެން ފަހުވަގުތު ކޮޅުގައި އަހުލީ ޓީމްއިން ވަނީ ރިއަލް ސްޓާރސް ކޮޅަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މި މެޗް ނިމިގެން ދިޔައީ 4-2 ގެ ނަތީޖާއިން ރިއަލް ސްޓާރސް ކުރި ހޯދައިގެންނެވެ.
ސާއްބަ އެނިވާސަރީ ކަޕް 2020ގެ އެއްވަނައިގައި އޮތީ ޔޫތް ފުރެންޑްސް އެވެ. އަދި ދެވަނައިގައި އޮތީ ރިއަލް ސްޓާރސް އެވެ. 20 ޑިސެމްބަރ ވާ އާދިއްތަ ދުވަހު ބައްދަލު ކުރާނީ ޝީލްޑް އަދި ރޫހް އެވެ.