ހަނިމާދޫ އެއާޕޯޓް ތަރައްގީގެ 69 ޕަސެންޓް ނިމިއްޖެ

ހަނިމާދޫ ފަހުގެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރަން މިހާރު ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ 69.2 ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިގޮތަށް ބުނީ މަޝްރޫއުގެ މަސަކައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭ މައުލޫމާތު އިއްޔެ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހޯއްދެވުމަށް ފަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އެކަމަށްޓަކައި އިއްޔެ މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފާއި މަޝްރޫޢުގެ ކޮންޓްރެކްޓަރު އަދި ކޮންސަލްޓަންޓުން ބައިވެރިވެވަޑައިގަތެވެ.

ބައްދަލުވުމުގައި މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ޓެކްނިކަލް ޓީމުގެ އިތުރުން އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ އިސް ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ މިންވަރު ދެނެގަނެ، ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ނިންމުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާއި ބެހޭ ގޮތުންނެވެ. އެގޮތުން މަޝްރޫޢުގެ މުޅި ޖުމްލަ 69.2 ޕަސެންޓް މިހާރު ނިމިފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ހަނިމާދޫ އެއާޕޯޓް އިތުރަށް ތަރައްގީ ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ސެޕްޓެމްބަރު 25، 2022 ގަ އެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

އެގޮތބް މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މި އެއާޕޯޓުގެ ޓާމިނަލް ފަރުމާކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ