ކެތިއަރާ ޓީމު، ތިލަދެކުނު ފުޓްސަލް މުބާރާތް ފެށީ މޮޅަކާއިއެކު

ހަނިމާދޫ ކުޅިވަރު ފަހުގެ

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކެތިއަރާއިން ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 13 ވަނަ މިނެޓުގައި، ޖާޒީ ނަންބަރު 9 ފާޠިމަތު ތާނީއެވެ. އޭގެ 10 މިނެޓު ފަހުން، 23 ވަނަ މިނެޓުގައި، އީމާ އަޙްމަދު ވަނީ އިތުރު ލަނޑެއް ޖަހައި ކެތިއަރާގެ ލީޑު ފުޅާކޮށްދީފައެވެ.

ކެތިއަރާގެ ތިންވަނަ ލަނޑަކީ ކުޅުދުއްފުށީ ގްރީން ސްޕޯޓްސްގެ ފާޠިމަތު މުޙައްމަދު ބައިކޮޅަށް ޖެހި ލަނޑެކެވެ. މި ލަނޑު ވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ގްރީން ސްޕޯޓްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގެ 39 ވަނަ މިނެޓުގައި އާމިނަތު ސަހުލާއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކެތިއަރާގެ ޖާޒީ ނަންބަރު 9 ގެ ފާޠިމަތު ތާނީއެވެ.

ކެތިއަރާ ހިމެނެނީ މި މުބާރާތުގެ ގްރޫޕް ‘ބީ’ ގައެވެ.

އިއްޔެ ވަނީ ގްރޫޕް ‘ބީ’ ގެ އިތުރު މެޗެއް ކުޅެފައެވެ. މިމެޗުގައި ބައްދަލުކުރީ ހދ. ކުޅުދުއްފުށީ މަންތާ ސްޕޯޓްސް އާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އެވެ. މި މެޗު 5-1 އިން ކާމިޔާބުކުރީ މަންތާ ސްޕޯޓްސް އެވެ.

މަންތާ ސްޕޯޓްސް ކުލަބަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ރަޝީދާ މޫސާ، އާމިނަތު ސަލްވާ، މަރްޔަމް ސާރާ އަދި އާއިޝަތު އިޝާ އަޝްރަފް އެވެ.

ސްކައި ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މާއިދާ ހަސަން ރަޝީދެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މަންތާ ސްޕޯޓްސް ކުލަބުގެ ރަޝީދާ މޫސާއެވެ.

މި މުބާރާތުގެ ގްރޫޕް ‘ސީ’ ގެ ދެ މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗު 15:45 ގައި ކުޅޭއިރު، އެ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ކްލަބް ވީ އާ ވަން އާއި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއެވެ. ދެވަނަ މެޗު 16:45 ގައި ކުޅޭއިރު، އެ މެޗުގައި ވާދަކުރާނީ ނައިވާދޫ ޓީއެސްސީ އާއި ފިނޭ ވީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ