މާލެސިޓީގެ އާސަހަރާ މިސްކިތާއި، ހިނަވާގެ ރަސްމީގޮތުން ހުޅުއްވައިދެއްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ތަރައްޤީކުރަން ފެށްޓެވި މާލެސިޓީގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރަސްމީގޮތުން މިއަދު އެމަނިކުފާނު ހުޅުވައިދެއްވައިފިއެވެ. އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އެ މިސްކިތުގައެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެއަކީ މީގެ ކުރިން، ޖާގައިގެ ގޮތުން ދަތި އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އަންހެނުންނަށާއި އަދި އާސަހަރާއަށް ޒިޔާރަތްކުރާ ގިނަ ފަރާތްތަކަށްވެސް ބޭނުންކުރެވޭނެ އެކަށީގެންވާ ޖާގަ ނެތްތާ ގިނަ އަހަރުތަކެއް ވެފައިވާ ތަނެކެވެ.

އިޝްތިހާރު
އިޝްތިހާރު

އާސަހަރާ މިސްކިތަށް ޒަމާނީ ބަދަލުތަކެއް ގެނަސް އަލުން ތަރައްޤީކޮށްފައި މިވަނީ ދެފަންގިފިލާއަށް ވާގޮތަށެވެ. ދެ ފަންގިފިލާވެސް އޭސީކޮށްފައިވާއިރު މީހުން މަޑުކޮށްގެން ތިބޭ ސަރަޙައްދު ނުވަތަ ‘ވެއިޓިން އޭރިޔާ’ވެސް ވަނީ އޭސީކޮށްފައެވެ. އަދި ހިނަވާގޭގައިވެސް ވަނީ، ޖާގަ ތަނަވަސް، ހިނެވުމަށް ޚާއްޞަ ތިން ތަނެއް ތަރައްޤީކޮށްފައެވެ. މީގެއިތުރުން ސިޑިން މައްޗަށް އަރަންދަތި ފަރާތްތަކުން ނަމާދުކުރަން ޚާއްޞަ ޖާގަ ތިރީ ފަންގިފިލާގައި ހަމަޖައްސައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި ކުދީންނަށް ވަކި ޚާއްޞަ ފާޚާނާއާއި، ދެ ޖިންސުގެ އާންމުންނަށް ވަކި ފާޚާނާވެސް މިފަހަރު ތަރައްޤީކޮށްފައިވެއެވެ. މީގެއިތުރުން މިސްކިތާއި ހިނަވާގޭގެ ސަރަޙައްދުން ބޭރުގައި މަޑުކޮށްލައިގެން ތިބޭއިރު އިށީނދެ ތިބެވޭ ގޮތަށް ގޮނޑިޖަހައި، ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި، ސަހަރާއަށް ވަންނަ މަގުގެ ޖާގަވެސް ތަނަވަސްކޮށް، މިސްކިތަށް އަންނަ މީހުންގެ ސައިކަލު ޕާކު ކުރާނެ ޕާކިންގ ޒޯން ހަދައި، ޖަމާޢަތްތެރިން މަޑުކޮށްލައިގެން ތިބޭނެ ވަކި ކޮޓަރި ފަދަ ތަނުގެ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ގިނަ ވަސީލަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ.

މިސްކިތާއި ހިނަވާގެ ހުޅުއްވައިދެއްވުމަށްފަހު، މިއަދު އެ މިސްކިތުގައި އޮތް ހުކުރު ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތެވެ. އަދި ހުކުރުނަމާދަށްފަހު އެމަނިކުފާނު ވަނީ އާސަހަރާ މިސްކިތުގެ އިތުރުން ހިނަވާގެއާއި މީހުން މަޑުކޮށްލައިގެން ތިބެން ޚާއްޞަކޮށްފައި އޮތް ސަރަޙައްދަށްވެސް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވައިފައެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތަކީ މާލެ ސިޓީގެ މޭޔަރުކަމުގައި މީގެކުރީން ރައީސުލްޖުމްހޫރިއްޔާ ހުންނެވިއިރު އާސަހަރާގެ ޚިދުމަތް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ ހިތްހަމަޖެހޭ ތަނަވަސް މާހައުލެއް ޤާއިމުކޮށްދެއްވުމަށް އެމަނިކުފާނު ކުރެެއްވި ތަޞައްވުރާއި އެއްގޮތަށް ފެށްޓެވި މުހިންމު މަސައްކަތެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ