ރިހާން، މެރާލް، ތަޒްކިޔާ އަދި އިޒްޔާނަށް ގައުމީ ރިކޯޑުތަކެއް

ކުޅިވަރު ފަހުގެ

ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯޓް ކޯސް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށް ރާއްޖޭގެ މުޙައްމަދު ރިހާން ޝިހާމާއި، މެރާލް އައިން ލަތީފް އާއި، އަމްނާ ތަޒްކިޔާ މިރްސާދު އަދި އިޒްޔާން ނާޒިމް ގައުމީ ފެތުމުގެ ރިކޯޑުތަކެއް މުގުރާލައިފިއެވެ.

މި މުބާރާތުގައި ރިހާން ވަނީ ހަ އިވެންޓެއްގެ ގައުމީ ރިކޯޑު މުގުރާލާފައެވެ. އެގޮތުން ފިރިހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު ރިހާން މުގުރާލީ އެއް މިނެޓު 2.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ އަލީ އިމްއާންގެ އަތުގައެވެ. އެއީ 2021 ވަނަ އަހަރު ބޭއްވި 15 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، އެއް މިނެޓު 3.02 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރިހާން ދެން މުގުރާލާފައިވަނީ ފިރިހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑެވެ. މި ރިކޯޑު އޭނާ މުގުރާލީ 29.06 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑުވެސް މީގެ ކުރިން އިމްއާންގެ އަތުގައި އޮތްއިރު، އޭނާ ރިކޯޑު ހަދާފައިވަނީ ސްވިމިން ވޯލްޑް ކަޕް 2021 ގައި 29.23 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު ރިހާން މުގުރާލީ 59.69 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ ނިޝްވާން އިބްރާހީމްގެ އަތުގައެވެ. އެއީ 2016 ވަނަ އަހަރު ބޭއްވި 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، އެއް މިނެޓު 0.71 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ފިރިހެނުންގެ ޝޯޓް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު ރިހާން އައުކޮށްފައިވަނީ ދެ މިނެޓު 21.75 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިންވެސް އޮތީ ރިހާންގެ އަތުގައެވެ. އެއީ 2022 ވަނަ އަހަރު ބޭއްވި 16 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ދެ މިނެޓު 27.12 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރިހާން ދެން މުގުރާލާފައިވަނީ ފިރިހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑެވެ. މި ރިކޯޑު އޭނާ މުގުރާލީ 27.06 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން ނިޝްވާންގެ އަތުގައި އޮތްއިރު، އޭނާ ރިކޯޑު ގާއިމުކޮށްފައިވަނީ 2014 ވަނަ އަހަރު ބޭއްވި 12 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި 27.68 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މި ފަހަރުގެ މުބާރާތުގައި ފިރިހެނުންގެ ޝޯޓް ކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ރިހާން މުގުރާލީ ދެ މިނެޓު 3.06 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން މި ރިކޯޑު އޮތީ މުބާލް އައްޒާމް އިބްރާހީމްގެ އަތުގައެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދެ މިނެޓު 5.04 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި މެރާލް ވަނީ ގައުމީ ހަތަރު ރިކޯޑެއް ގާއިމުކޮށްފައެވެ. އެގޮތުން އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު މެރާލް އައުކޮށްފައިވަނީ އެއް މިނެޓު 11.52 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިންވެސް އޮތީ މެރާލްގެ އަތުގައެވެ. އެއީ މި އަހަރުގެ މެދުތެރޭގައި ބޭއްވި ރަޝްމޫ ރޯޔަލްސް ސަމާ ޝޯޓް ކޯސް އޯޕަން މީޓުގައި އެއް މިނެޓު 13.94 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު މެރާލް އައުކޮށްފައިވަނީ ދެ މިނެޓު 54.06 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑުވެސް މީގެ ކުރިން މެރާލްގެ އަތުގައި އޮތްއިރު، އޭނާ ރިކޯޑު ގާއިމުކުރީ މިދިޔަ އަހަރު ބޭއްވި މިޑްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔާގައި ދެ މިނެޓު 54.52 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު މެރާލް މުގުރާލީ 31.41 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ އައިޝަަތު އުލްޔާ ޝާއިގުގެ އަތުގައެވެ. އެއީ މި އަހަރުގެ މެދުތެރޭގައި ބޭއްވުނު ބްރޭކާސް ބިގް ސްޕްލޭޝްގައި ވާދަކޮށް، 31.76 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މެރާލް ދެން މުގުރާލާފައިވަނީ އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑެވެ. މި ރިކޯޑު އޭނާ މުގުރާލީ އެއް މިނެޓު 14.07 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ ހަމްނާ އަޙްމަދުގެ އަތުގައެވެ. އެއީ 2021 ވަނަ އަހަރު ބޭއްވި 15 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، އެއް މިނެޓު 15.82 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ތަޒްކިޔާވެސް ވަނީ ގައުމީ ހަތަރު ރިކޯޑެއް ގާއިމުކޮށްފައެވެ. އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ތަޒްކިޔާ މުގުރާލީ އެއް މިނެޓު 3.68 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ އާމިނަތު ޝަޖަންގެ އަތުގައެވެ. އެއީީ 2014 ވަނަ އަހަރު ބޭއްވި ފީނާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕްސްގައި އެއް މިނެޓު 6.01 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ތަޒްކިޔާ މުގުރާލީ ދެ މިނެޓު 20.65 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑުވެސް މީގެ ކުރިން ޝަޖަންގެ އަތުގައި އޮތްއިރު، އޭނާ ރިކޯޑު ހަދާފައިވަނީ 2014 ވަނަ އަހަރު ބޭއްވި ފީނާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕްސްގައި ދެ މިނެޓު 28.41 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

އަންހެނުންގެ ޝޯޓް ކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ތަޒްކިޔާ މުގުރާލީ 28.55 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ މި އަހަރުގެ މެދުތެރޭގައި ބޭއްވި ޔޫ.ޑަބްލިއު.އޭ ވެސްޓްކޯސްޓް ކުލަބު ނައިޓްގައި 28.75 ސިކުންތުން ރޭސް ނިންމައިގެން އުލްޔާއެވެ.

ތަޒްކިޔާ ދެން މުގުރާލާފައިވަނީ އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑެވެ. އޭނާ ރިކޯޑު މުގުރާލީ ދެ މިނެޓު 42.67 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ މި އަހަރުގެ މެދުތެރޭގައި ބޭއްވި ރަޝްމޫ ރޯޔަލްސް ސަމާ ޝޯޓް ކޯސް އޯޕަން މީޓުގައި ދެ މިނެޓު 45.14 ސިކުންތުން ރޭސް ނިންމައިގެން މެރާލްއެވެ.

މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި އިޒްޔާން ވަނީ ގައުމީ ދެ ރިކޯޑެއް ގާއިމުކޮށްފައެވެ. އެގޮތުން ފިރިހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު އިޒްޔާން މުގުރާލީ އެއް މިނެޓު 12.85 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ ހަސަން އަޝްރަފްގެ އަތުގައެވެ. އެއީ 2012 ވަނަ އަހަރު ބޭއްވި 11 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި އެއް މިނެޓު 12.91 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކޮށް ފިރިހެނުންގެ ޝޯޓް ކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ އިޒްޔާން މުގުރާލާފައިވަނީ ދެ މިނެޓު 37.35 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑުވެސް މީގެ ކުރިން އަޝްރަފްގެ އަތުގައި އޮތްއިރު، އޭނާ ރިކޯޑު ހެދީ 2012 ވަނަ އަހަރުގެ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، ދެ މިނެޓު 40.57 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ