ހުރަވީ ސްކޫލުގެ ދަރިވަރަކު ކުއްލިގޮތަކަށް ނިޔާވުމާ ގުޅިގެން ރައީސް އަދި ނައިބު ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޚަބަރު ފަހުގެ

ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގެ ދަރިވަރަކު ކުއްލިގޮތަކަށް ނިޔަވުމާގުޅިގެން އެ ދަރިވަރުގެ އާޢިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެ ދަރިވަރު ނިޔާވުމާ ގުޅިގެން އާޢިލާއަށް ތަޢުޒިޔާ ދަންނަވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރަވީ ސްކޫލްގައި ތަޢުލީމު ހާސިލުކުރަމުންދިޔަ އުމުރުން 13 އަހަރުގެ ފާޠިމަތު ޝިމާ މުޙައްމަދު، ކުއްލި ގޮތަކަށް މިއަދު ނިޔާވި ޚަބަރު އަޑު އެހީ، ނުހަނު ފުން އަސަރާއި ކަންބޮޑުވުމާއިއެކުކަމަށެވެ. އަދި ލޮބުވެތި ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދި ދުޢާކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި، އެ މަޢުޞޫމް ދަރިވަރު ލެހެއްޓެވުން އެދި ކުރާ އިޚްލާޞްތެރި ދުޢާތައް ތަކުރާރުކުރަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފްވެސް ވަނީ ހުރަވީ ސްކޫލުގައި ތަޢުލީމު ޙާސިލުކުރަމުން ދިޔަ ދަރިވަރު، ފާތިމަތު ޝިމާ މުޙައްމަދު ނިޔާވުމާއި ގުޅިގެން ތަޢުޒިޔާ ވިދާޅުވެފައެވެ.

ސޯޝަލް މީޑީއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ނާއިބު ރައީސް ވިދާޅުވީ ހުރަވީ ސްކޫލުގައި ތަޢުލީމު ޙާސިލުކުރަމުން ދިޔަ ދަރިވަރު، ފާތިމަތު ޝިމާ މުޙައްމަދު ނިޔާވި ޚަބަރު އެހީ ކުއްލި ހައިރާން ކަމާއި ފުން ހިތާމައާއެކުކަމަށާއި، މަރްޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށެވެ.

މީގެ އިތުރުން ފާތިމަތު ޝިމާ މުޙައްމަދު ނިޔާވުމާއި ގުޅިގެން ތަޢުލީމާ ބެހޭ ވުޒާރާއިން ވެސް ވަނީ އެ ކުއްޖާގެ އާއިލާއަށް ތަޢުޒިޔާގެ މެސެޖްއެއް ފޮނުއްވަވާފައެވެ. އަދި ސަރުކާރުގެ ވަޒީރުންނާއި އިސް ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކުވަނީ ޝިމާގެ އާއިލާއަށް ތަޢުޒިޔާ ފޮނުވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުރަވީ ސްކޫލުގެ ދަރިވަރަކަށް ސިއްޙީ ހާލަތެއް މެދުވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަކަމުގެ ރިޕޯޓު މިއަދު ހެނދުނު ލިބިފައިވާ ކަމަށާއި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވި ގޮތުގައި ނިޔާވެފައިވަނީ 13 އަހަރުގެ އަންހެން ކުއްޖެކެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ