މުޙައްމަދު އާން ޙުސައިން ތިން އިވެންޓެއްގެ ޤައުމީ ރެކޯޑު އާކޮށްފި

ކުޅިވަރު ފަހުގެ

ހަންގޭރީގައި މިހާރު ކުރިއަށްދާ އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިޔާ މުޙައްމަދު އާން ޙުސައިން ވަނީ ތިން އިވެންޓެއްގެ ޤައުމީ ރެކޯޑު އާކޮށްފައެވެ.

އާން އެންމެ ފުރަތަމަ އާކުރި ރެކޯޑަކީ ފިރިހެނުންގެ ޝޯރޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑެވެ. އޭނާ މި ރޭސް ނިންމީ 00:23.79 ގައެވެ. މި އިވެންޓުގެ ކުރީގެ ރެކޯޑު ވެސް އޮތީ އާންގެ އަތުގައެވެ. އެއީ މިދިޔަ މަހު ބޭއްވުނު 2 ވަނަ ޝޯރޓް ޓްރެކް ބުޑަ ކަޕްގައި 00:24.29 އިން ރޭސް ފުރިހަމަކޮށްގެން ކަނޑައެޅި ރެކޯޑެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނައަށް އާން އާކުރީ ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑެވެ. މި ރޭސް އޭނާ ނިންމީ 02:01.08 ގައެވެ. މި އިވެންޓުގެ ކުރީގެ ރެކޯޑު އޮތީ މުޙައްމަދު ރިހާން ޝިޙާމްގެ އަތުގައެވެ. ރިހާން މި ރެކޯޑު ކަނޑައެޅީ މިއަހަރުގެ މެދުތެރޭގައި ބޭއްވުނު އޭ.އޯ.އެސް.އައި ޝޯރޓްކޯސް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 02:03.06 އިން ރޭސް ނިންމައިގެންނެވެ.

އާން އެންމެ ފަހުން އާކުރީ ފިރިހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑެވެ. މި ރޭސް އޭނާ ނިންމީ 00:26.67 ގައެވެ. މި އިވެންޓުގެ ކުރީގެ ރެކޯޑު ވެސް އޮތީ ރިހާންގެ އަތުގައެވެ. ރިހާން މި ރެކޯޑު ކަނޑައެޅީ މިއަހަރުގެ މެދުތެރޭގައި ބޭއްވުނު އޭ.އޯ.އެސް.އައި ޝޯރޓްކޯސް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:27.06 އިން ރޭސް ނިންމައިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ