ޗާގޯސް އަކީ ރާއްޖޭއާއި ތާރީހީ ގުޅުން އޮތް ތަނެއްކަމަށްވާތީ އާއި އެއީ އެހެން ގައުމެއްގެ ތަނަކަށް ވުރެ ރާއްޖޭގެ ތަނަކަށް ބެލުން މާ އައުލާކަން ބޮޑު ތަނަކަށްވުމުން ދިވެހި ސަރުކާރުގެ ފަރާތުން އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ތާރީހީ ލިޔެކިޔުންތަކުން ޗާގޯސްއަކީ ދިވެހި ރަސްރަސްކަލުން ވެރިކަން ކުރެއްވި ތަނެއްކަން އެނގެން އެބައޮތް ކަމަށެވެ. އަދި ތާރީހީ ލިޔުންތަކާއެކު އިނގެރޭސި ސަރުކާރަށް ރަސްމީ ގޮތުން ސިޓީއެއް ފޮނުއްވާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރަކީ އެއްގޮތަކަށްވެސް ޒިންމާއިން ރެކޭނެ ސަރުކާރެއް ނޫން ކަމަށާއި މި މައްސަލައިގައިވެސް އޮންނަ ހަމަތަކުގެ މަތިން ސަރުކާރުން އިންސާފުވެރި ގޮތެއްގައި ފައިސަލާ ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށްވެސް އަދިވެސް ރެއާ ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން އދ. ގައި އެޓާނީ ޖެނެރަލް އޮފީހުގެ މުވައްޒަފަކު ހުންނާނެކަމަށް ރައީސް ވިދާޅުވި އެވެ.