ބަންގްލަދޭޝްގައި މިއަދު، އެ ގައުމު އަތުން ދިވެހި ގައުމީ ފުޓްބޯޅަ ޓީމު މޮޅުވި މެޗު، މިގެ ފަސް މަސް ކުރިން ކުއްލި ގޮތަކަށް ނިޔާވި ގައުމީ ޓީމުގެ ކުރީގެ ކުުޅުންތެރިޔާ މުހައްމަދު އާރިފް، ބަކާއަށް ހާއްސަކޮށްފިއެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ލީޑު ނެގީ އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުންނެވެ. މިއީ، ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ވެސް ބަންގްލަދޭޝްގައި ކުޅެގެން އެ ގައުމު އަތުން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ބަންގްލަދޭޝްގައި ރާއްޖޭން ވަނީ އެ ޓީމާ ދެކޮޅަށް ފަސް ފަހަރު ކުޅެފަ އެވެ. އެއީ، 1985 ވަނަ އަހަރުގެ ސާފް ގޭމްސްގައި 8-0 އިން ރާއްޖެ ބަލިވި މެޗާއި 1995 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވި މެޗާއި 2003 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި 1-0 އިން ރާއްޖެ ބަލިވި މެޗާއި، އެ ފަހަރު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވި މެޗުގެ އިތުރުން، މިދިޔަ އަހަރުގެ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި، 2-1 އިން ރާއްޖެ ބަލިވި މެޗެވެ.
ގައުމީ ޓީމުގައި ބަކާ ބޭނުންކުރި ނަމްބަރަކީ ހައެކެވެ. މިއަދުގެ މެޗުގައި މި ނަމްބަރަށް ކުޅެފައިވަނީ އަހުމަދު އައިހަމް (ފަތޯ) އެވެ. މެޗަށް ފަހު ދިވެހި ޓީމުން އުފާފާޅުކުރަމުން ވަނީ “ދިސް އިޒް ފޯ ޔޫ ބަކާ” ޖަހާފައިވާ ޕޯސްޓަރެއް ދައްކާލައިފަ އެވެ. އެ ގަނޑު ހިފައިގެން ހުރީ، ހަ ނަމްބަރު ޖޯޒީގައި މިއަދުގެ މެޗުގައި އެއްކޮށް ކުޅުނު އައިހަމް އެވެ.
ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދިއިރު ވެސް ޓީމުގައި ހިމެނޭ ބަކާ ނިޔާވީ އުމުރުން އެންމެ 38 އަހަރުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މާލެ އައިސް މާގިނަ ދުވަސްތަކެއް ނުވަނީހެވެ. މާލެ އައި ފަހުން ހުން ގަދަވެ، ހާލު ދެރަވާތީ އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން އެނދުމަތިކޮށް އައިސީޔޫގައި ފަރުވާ ދޭން ފެށީ އެވެ.
ބަކާ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނެ އެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ވެސް ކުޅެފަ އެވެ.
ބަކާ، އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ، 2021 ވަނަ އަހަރު، ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނިގެންނެވެ.