ހައުސިން މިނިސްޓްރީގެ ސާވާތައް ސަލާމަތްވާނެ ކަމަށް ނުބެލެވޭ: މިނިސްޓަރު

ޚަބަރު ފަހުގެ

ތިން މިނިސްޓްރީއެއް ހިންގާ މ. ގްރީން ބިލްޑިންގުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭނެ ކަމަށް މިހާރު ލަފާނުކުރެވޭ ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ވަރަށް ގިނަ މައުލޫމާތުތައް ރައްކާ ކޮށްފައި ހުންނާނީ އެ މިނިސްޓްރީގެ ސާވާގައި ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ހުރިހާ މައުލޫމަތަކާއި އެކިއެކި މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

“ސާވާ އަށް އެކްސެސް ނުލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެންނަކަށް އެ މައުލޫމާތެއް އަލުން ހޯދޭނެ ގޮތެއް ނޯންނާނެ. ހުރިހާ ލިޔެކިޔުމެއް ވެސް އަނދައި އެ ދިޔައީ. އެހެންވީމާ އެއީ ވަރަށް ބޮޑު ގެއްލުމެއް އަޅުގަނޑުމެންނަށް،” ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ސަލާމަތް ކުރެވުނީ ވަރަށް މަދު ލިޔުންތަކެކެވެ. ޑިޖިޓަލް ގިނަ މައުލޫމާތު ހުންނާނީ ސާވާގައި ރައްކާ ކޮށްފައި ކަމަށް ވާތީ ޑިސްކު ނަގައިގެން ވެސް ރިކަވާ ކުރެވޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންގެ މައުލޫމާތުތަކާއި އެކިއެކި ޕްރޮޖެކްޓްތަކުގެ މައުލޫމާތުތަކުގެ އިތުރުން ގޭގެ ރަޖިސްޓަރީތަކާއި ކުރެހުންތައް ހިމެނޭ ގޮތަށް މުހިއްމު ލިޔުންތައް ވެސް ރައްކާ ކޮށްފައި ވަނީ ސާވާގަ އެވެ.

ހައުސިން މިނިސްޓްރީގެ އެހެނިހެން ލިޔުންތަކަށް ގެއްލުން ލިބުނަސް، ފްލެޓު ލިސްޓާއި ގެދޮރުވެރިޔާ ސްކީމުން ފުރުސަތު ލިބުނު މީހުންގެ މައުލޫމާތަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އަލިފާން ރޯވި ވަގުތުން ފެށިގެން ކަހަލަ ގޮތަކަށް ސަރުކާރުން އަންނަނީ ދެމުންނެވެ. އެ ތަކެތި ރައްކާކޮށްފައި ވަނީ ކްލައުޑުގަ އެވެ.

ގްރީން ބިލްޑިންގް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާތީ އެ އިމާރާތުގައި ހިންގި ތިން މިނިސްޓްރީ ވެސް ވަގުތީ ގޮތުން ދަރުބާރުގޭގައި ހިންގަން ނިންމައި ސެޓަޕް ހެދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އަންނަނީ ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ