ނައިބު ރައީސް ޗައިނާ އަށް ފުރާވަޑައިގެންފި

ޚަބަރު ފަހުގެ

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން”ގެ 3 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި މި މަހުގެ 15 އިން 17 އަށް ކުރިއަށް ގެންދާ މި ފޯރަމަކީ ރާއްޖެއިން ކޯ-ހޯސްޓްކުރާ ފޯރަމެކެވެ. ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، “ދަ ފިއުޗާ އޮފް ދަ ބްލޫ އިންޑިއަން އޯޝަން ޑިވެލޮޕްމަންޓް: ޕްރެކްޓިސް އޮފް ދަ ގްލޯބަލް ސައުތު” މި ޝިއާރުގެ ދަށުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމްގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭ ގޮތަށް ނޫ އިޤްތިޞާދުގެ އެކި ކަންކަމަށް ސަމާލުކަންދީގެން، ޗައިނާއާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.

ފޯރަމް ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން، ވަކި މައުޟޫޢު ޚާއްޞަ މަޝްވަރާތަކެއް ކުރެއްވުމާއި، ސަބްފޯރަމްތަކާއި އެކި މައުޟޫޢުތަކަށް ވަށް-މޭޒު ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

ނައިބު ރައީސް މި ފޯރަމްގައި ބައިވެރިވަޑައިގަންނަވަނީ ޗައިނާ ސަރުކާރުގެ ދަޢުވަތަކަށެވެ. އަދި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ