ހިތްހެޔޮ އޯގާތެރި ރައްޔިތުން ތަކެއް ދިރިއުޅޭ ށ.މަރޮށީގައި ކޮންމެ އަހަރަކު ރޯދަ މަހަށް މަރުހަބާކިޔުމަށް އެރަށުގައި ” ރައްޔިތު މާހެފުން” މިނަމުގައި މާހެފުމެއް ބާއްވައެވެ.
މިމާހެފުން އެރަށު ބާއްވަމުން އަންނަތާ އެތަކެއް އަހަރު ވެފައިވާކަމަށް ރަށުގެ ދުވަސްވީ މީހުން މައުލޫމާތު ދެއްވައެވެ.
މި މާހެފުން އިހުގައި ތައްޔާރު ބާއްވަމުން އައީ ރަށުގެ ރައްޔިތުން އެކި އަވަށްތަކުގެ އެކިހިސާބުތަގައި ކަމަށް މަރޮށީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
ނަމަވެސް 2008 ވަނަ އަހަރު ކައުންސިލްތައް ވުޖޫދުވުމުން ކައުންސިލް އަހަރީ ކަލަންޑަރުގައި ހިމަނައި މިމާހެފުން މިހާރު ކުރިއަށް ގެންދާތާ އަހަރުތަކެއް ފާއިތުވެގެން މިވަނީ ގޮސްފައެވެ.
މި މާހެފުން ތައްޔާރު ކުރަނީ އެރަށުގެ ކައުންސިލް މުވައްޒަފުންނާއި ކައުންސިލަރުން އަދި ރަށުން އެކަމަށް ގުޅެން ބޭނުންވާ ރައްޔިތުންނަށް ފުރުސަތު ދީގެން ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މި މާހެފުން ކުރިއަށް ދާ ދުވަހު އެއްވެސް ރައްޔިތަކު ބާކީ ނުކުރެއެވެ. މާހެފުމުގައި ތައްޔާރުކުރާ ކޮންމެ އެއްޗެއް ހިމެނޭ ޕެކޭޖެއް އެނދުމަތި ވެފައިވާ ބަލިމީހުނަށް ފޯރު ކޮށްދެއެވެ. އަދި ރަށަށް އެދުވަހު އަރާތިބޭ މެހެމާނުންނަށް ދައުވަތު ދީގެން އެ މާހެފުމަން ގެންދިއުމުގައިވެސް ހާއްސަ ސަމާލު ކަމެއްދެއެވެ.
މާރޮށީގައި ޒަމާނުއްސުރެ ބާއްވަމުންމިދާ ރައްޔިތު މާހެފުމުގެ ޚާއްސަކަމަކީ މި މާހެފުމުގެ މައިގަނޑު ކާނާއަކީ އިހުގެ ދިވެހި ރަހަތަކަށްވުމެވެ. ނަން ހުސްކޮށް ދިވެހި ކާނާއެވެ. މާފުށާއި، ހަނޑުލު ބޮނޑިބަތާއި ސާގު ބޮނޑިބަތްފަދަ ތަކެތި މި މާހެފުމުގެ ސުފުރާމަތީގައި ހުއްޓެވެ.
ފޮޓޯތައް: މަރޮށީ ކައުންސިލް