ހަނިމާދޫން ޓޫރިޒަމަށް ދޫކުރާ 4 ބިން “އޯސަމް ޕްރޮޕަރޓީސް” އަށް ހަވާލުކޮށްފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ކައުންސިލުން ޓޫރިޒަމް ތަރައްޤީކުރުމަށް ދޫކުރާ 10،000 އަކަފޫޓުގެ 4 ބިން “އޯސަމް ޕްރޮޕަރޓީސް ޕލޑ” އަށް ބުރާސްފަތި ދުވަހު ވަނީ ހަވާލުކޮށްފައެވެ. މި ބިންތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހަނިމާދޫ ކައުންސިލް އިދާރާގައެވެ.

އޯސަމް ޕްރޮޕަރޓީސް ޕލޑ ފަރާތުން އެބަސްވުމުގައި ސޮއިކުރެއްވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. ހަނިމާދޫ ކައުންސިލް ފަރާތުން ސޮއި ކުރެއްވީ ޢަބުދުލް ސައްތާރު ހަސަނެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫ ކައުންސިލުގެ ނައިބުރައީސް ވިދާޅުވި ގޮތުގައި، މި ކޮންމެ ބިމަކުން ކުއާޓަރަކަށް 14،000 އެމެރިކާ ޑޮލަރު، އަދި 4 ބިމުން ޖުމްލަ 56،000 އެމެރިކާ ޑޮލަރު ކޮންމެ ކުއާޓަރެއްގައި ހަނިމާދޫ ރައްޔިތުންގެ މާލިއްޔަތަށް ވަންނާނެއެވެ. އަދި މިއީ އަހަރަކަށް މި 4 ބިމުން އެކަނިވެސް 224،000 އެމެރިކާ ޑޮލަރުގެ އާމްދަނީއެކެވެ.

“އަޅުގަނޑުމެންގެ ދައުރު ނިމޭއިރު ހަނިމާދޫ ރައްޔިތުންގެ މާލިއްޔަތަށް އެތައް މިލިއަން ރުފިޔާގެ އާމުދަނީ އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. އަދި ރައްޔިތުންގެ މާލިއްޔަތަށް ޑޮލަރުން އާމްދަނީ ވަންނަން މި ފެށީވެސް އަޅުގަނޑުމެންގެ މި ދައުރުން ފެށިގެން މުޅިން އަލަށް،” ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

މި ބިންތަކުގެ 1 އަހަރުގެ އެޑްވާންސް ކުލީގެ ގޮތުގައި 224،000 އެމެރިކާ ޑޮލަރު (3،454،080 ރުފިޔާ) މިހާރުވަނީ ހަނިމާދޫ ކައުންސިލްގެ ރައްޔިތުންގެ މާލިއްޔަތަށް ޖަމާކޮށްފައެވެ.

ކައުންސިލުން ނައިބު ރައީސް ފާހަގަކުރި ގޮތުގައި، ކައުންސިލްގެ ޑޮލަރު އެކައުންޓަކީ ވަރަށް މަސައްކަތުން ކުރެވުނު، ލިބުނު ބޮޑު ކުރިއެރުމެކެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމާއެކު، މި ބިންތައް ދޫކޮށް ވީ އެންމެ އަވަހަކަށް ޚިދުމަތްތައް ފެށުމަކީ ކައުންސިލްގެ އަމާޒެކެވެ. މީގެ ސަބަބުން ހަނިމާދޫއަށް ގިނަ ފަތުރުވެރިން އައިސް، ރަށަށް ބޭރު ފައިސާއާއި އާމްދަނީ އިތުރުވެ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެ ކަމަށް އޭނާ އުންމީދުކުރެއެވެ.

މި މަޝްރޫޢުގެ ސަބަބުން ހަނިމާދޫގެ އިޤްތިޞާދަށާއި ވަޒީފާގެ ފުރުޞަތުތަކަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ. އަދި މިއީ ރާއްޖޭގެ ޓޫރިޒަމް ސެކްޓަރ އިތުރަށް ފުޅާވެ، އުތުރުގެ ރަށްތަކަށް ފަތުރުވެރިކަމުގެ މަންފާ ލިބިގެންދާނެ ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު