ކޯވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން އުނގެނުމާއި އުނގަންނައި ދިނުމުގައި ކުރަންޖެހިފައިވާ ދަތުރަކީ ދަތި އުނދަގޫ ދަތުރެކެވެ. ވަކިން ޚާއްސަކޮށް، މި ދަތުރުގައި ކުޑަކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށާއި ޓީޗަރުންނަށް އުފުލަންޖެހިފައިވާ ބުރަ އިތުރެވެ.
އުނގެނުމާއި އުނގަންނައި ދިނުމުގައި ކުރިމަތިވާ ދަތިތަކުގެ ތެރެއިންވެސް ވޯކްޝީޓްތައް ދިނުމާއި މާކްކުރުމުގައި ޓީޗަރުންނަށް ކުރިމަތިވާ ދަތިތަކާއި ވޯކްޝީޓްތައް ހެދުމުގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކުރިމަތިވާ ދަތިތައް ފާހަގަކޮށްލެވެއެވެ. މިސާލަކަށް ބުނާނަމަ، ޓީޗަރުން ވޯކްޝީޓްތައް ތައްޔާރުކުރުމަށްފަހު އޮންލައިންކޮށް ފޮނުވުމުން، އެ ވޯކްޝީޓްތައް ޕްރިންޓްކޮށްގެން ދަރިވަރުން ލައްވައި ފުރިހަމަ ކުރުމަށްފަހު، އޭގެ ފޮޓޯ ނުވަތަ ސްކޭންކޮށްފައި ފޮނުވުމަކީ ފަސޭހަކަމެއް ހެއްޔެވެ؟ މަދު ގެއެއްގައި ފިޔަވައި ޕްރިންޓަރެއްވެސް ނުހުންނާނެއެވެ. ވޯކްޝީޓްތަކުގެ ފޮޓޯ ފޮނުވުމުން، އެހުރިހައި ފޮޓޯއެއް ވަކިވަކިން ޑައުންލޯޑްކޮށް ބަލައި ޗެކްކުރުމަކީ ޓީޗަރުންނަށް ހަމަ ފަސޭހަކަމެއް ހެއްޔެވެ؟
ދެން އޮތްގޮތަކީ ފަސޭހަކޮށްލުމަށްޓަކައި ދަރިވަރުންނަށް ފިލާވަޅު ދަސްވެފައިވޭތޯ ބެލުމުގެ ޒިންމާ މިދުވަސްކޮޅުގައި ބެލެނިވެރިންނާއި ހަވާލުކުރުމެވެ. އޭރުން ވޯކްޝީޓްތައް ޕްރިންޓްކުރުމާއި، ފުރިހަމަކޮށް އޭގެ ފޮޓޯ ޓީޗަރުންނަށް ފޮނުވުމުގެ ބުރަ ނެތުނީއެވެ. ހަމަ އެހެންމެ، އެ ފޮޓޯތައް ޑައުންލޯޑްކޮށް އެތަކެތި ބަލައި ޗެކްކުރާކަށްވެސް ޓީޗަރުންނަކަށް ނުޖެހޭނެއެވެ.
އިސްވެދެންނެވުނު ގޮތްތަކަކީ ރަނގަޅު ގޮތްތަކެއްނަމަ އެންމެ ރަނގަޅެވެ. ރަނގަޅު ނޫންނަމަ، ނުވަތަ އިތުރު ފުރިހަމަކަމެއް ގެންނަން ބޭނުންނަމަ، ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް “ކުއިޒިޒް” ބޭނުންކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟ އޭރުން؛
- ވޯކްޝީޓް ތައްޔާރުކުރަން ހޭދަވާ ވަގުތު ކުޑަވާނެ.
- ޕީޑީއެފް ނުވަތަ ވޯޑް ފޯމެޓުގައި ވޯކްޝީޓް ހަދާކަށް ނުޖެހޭނެ
- އޮންލައިންކޮށް ކުއިޒިޒް އެޕްލިކޭޝަނުގެ ތެރެއިން ވޯކްޝީޓް ދެވޭނެ
- ވޯކްޝީޓް ޕްރިންޓްނުކޮށް ދަރިވަރުންނަށް ވޯކްޝީޓް ފުރިހަމަކުރެވޭނެ.
- ދަރިވަރުން ވޯކްޝީޓް ފުރިހަމަކުރުމުން، އެ ވޯކްޝީޓް ޓީޗަރުންނަށް ފޮނުވާކަށް ބެލެނިވެރިންނަކަށް ނުޖެހޭނެ
- ހުރިހާ ދަރިވަރުންގެ މަސައްކަތް 01 (އެކެއް) ފައިލަކުން (ކަރުދާހަކުން) ޓީޗަރުންނަށް ބަލައިލެވޭނެ.
ކުއިޒިޒް (Quizizz) އަކީ ކޮބާ؟
“ކުއިޒިޒް” އަކީ ގޭމް-ބޭސްޑް، ތަފާތު ކުއިޒްތައް ދެވޭގޮތަށް ފަރުކަމާކޮށްފައިވާ އެޑިއުކޭޝަނަލް ޓޫލެކެވެ. މިއީ ހިލޭ ބޭނުންކުރެވޭ ޓޫލެކެވެ. ގޫގުލްގައި ކުއިޒިޒް ޖަހައި ސާޗު ކޮށްލުމަށްފަހު ނުވަތަ މި https://quizizz.com/ ލިންކަށްވަދެ ކުއިޒިޒްގައި ރަޖިސްޓަރީވުމަށްފަހު ބޭނުންކުރަންވީއެވެ. އަދި މި އެޕްލިކޭޝަން އެޕަލް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. ކުއިޒިޒް ވެބްސައިޓް ބުނާގޮތުން 10 މިލިއަނަށްވުރެ ގިނަ ދަރިވަރުން ކުއިޒިޒް ބޭނުންކުރެއެވެ. މީގެ އިތުރުން އެމެރިކާގެ ކޮންމެ 2 ސްކޫލަކުން 1 ސްކޫލަކީ ކުއިޒިޒް ބޭނުންކުރާ ސްކޫލެއްކަމަށްވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.
ކުއިޒިޒްގެ ހާއްސަ ސިފަތަކުގެ ތެރެއިން ޓީޗަރުންނަށް ހާއްސަ ސިފަތައް؛
- މަލްޓިޕްލިކޭޝަން ޗޮއިސް ނުވަތަ ޓްރޫ/ފޯލްސް ފަދަ ސުވާލުތައް ހިމެނޭ ކުއިޒްތައް ތައްޔާރުކޮށްލެވޭނެ
- ތަފާތު މާއްދާތަކައި ގުޅޭ މިލިއަނަކަށްވުރެ ގިނަ ކުއިޒްތައް ކުއިޒިޒްގައި ހިމެނޭ
- ކުއިޒިޒް އިން ކުއިޒް ހޯދުމަށް (ސަރޗް) ފަހު، އެ ކުއިޒެއް ކަސްޓަމައިޒް ކޮށްލެވޭނެ
- އަމިއްލައަށް ކުއިޒް ތައްޔާރުކޮށްލެވޭނެ
- ލައިވް ފީޑްބެކް ދަރިވަރުންނަށް ލިބެމުންދާ ގޮތަށް ކުއިޒް ފަރުމާކޮށްލެވޭނެ އަދި ދަރިވަރުން ޝައުގުވެރިކުރުމަށްޓަކައި ފީޑްބެކްގެ ގޮތުގައި އިމޯޖީ އާއި ވެލްޑަން ފަދަ ބަސްތައް ހިމަނައިލެވޭނެ.
- ދަރިވަރުން ޝައުގުވެރިކުރުމަށްޓަކައި ދަރިވަރުންގެ ލައިވް ސްކޯ އަދި ރޭންކިން ފެންނަގޮތަށް ކުއިޒްތައް ފަރުމާކޮށްލެވޭނެ
- ގޫގުލް ކްލާސްރޫމުގައި ކުއިޒްތައް ހިއްސާކޮށްލެވޭނެ
- ލައިވް ކުލާހުގައި ނުވަތަ ހޯމްވޯކެއްގެ ގޮތުގައިވެސް ކުއިޒްތައް ދެވޭނެ އަދި ޑެޑްލައިން ކަނޑައެޅެން ހުންނާނެ.
- ދަރިވަރުން ދެމުންގެންދާ ޖަވާބުތައް ފެންނާނެ
- ދަރިވަރުން ކުއިޒްތައް ފުރިހަމަކުރުމުން، ހާސިލުވީ މިންވަރު އެކްސެލް އަދި ޕީޑީއެފް ފައިލް ފޯމެޓުގައި ޑައުންލޯޑް ކޮށްލެވޭން
- ދަރިވަރުންނަށް ފީޑްބެކް ދެވޭނެ.
ކުއިޒިޒްގެ ހާއްސަ ސިފަތަކުގެ ތެރެއިން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހާއްސަ ސިފަތައް؛
- ދަރިވަރުންގެ ޓެބުލެޓުން، ފޯނުން ނުވަތަ ލެޕްޓޮޕުގެ ސްކްރީނުން ކުއިޒް ފެންނާނެ
- ކުއިޒިޒް އެޕްލިކޭޝަނުގެ ތެރެއިން ސުވާލުތަކަށް ޖަވާބު ދެވޭނެ. އާދެ، ޑިޖިޓަލްކޮށް ޖަވާބު ދެވޭނެ
- ކުއިޒްގެ ވަގުތު ހަމަވުމުގެ ކުރިން، ބޭނުން ކޮންމެ ވަގުތެއްގައި ޖަވާބު ދެވޭނެ. އާދެ، ބައެއް ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު އެހެން ވަގުތެއްގައި އަނެއްބައި ފުރިހަމަ ކޮށްލެވިދާނެ
- ދަރިވަރުން ކުއިޒްގެ ސުވާލުތަކަށް ޖަވާބު ދެމުން ގެންދާވަރަކުން، އެ ދަރިވަރެއްގެ ސްކޯރ ފެންނަން ހުންނާނެ (މި ސިފަ ކުއިޒް ފަރުމާކޮށްފައިވާގޮތަށް ބަރޯސާވާނެ)
- ދަރިވަރުން ކުއިޒް ފުރިހަމަ ކުރުމުން، އެ ދަރިވަރަކަށް ހާޞިލުވީ މިންވަރު (މާކްސް) ފެންނާނެ
- ކުއިޒް ފުރިހަމަ ކުރުމުން، ހާސިލުވީ ސްކޯ ފެންނާނެ (މި ސިފަ ކުއިޒް ފަރުމާކޮށްފައިވާގޮތަށް ބަރޯސާވާނެ)
- ކުއިޒްގައި ބައިވެރިވެފައިވާ ދަރިވަރުންގެ ރޭންކްތައް ފެންނާނެ (މި ސިފަ ކުއިޒް ފަރުމާކޮށްފައިވާގޮތަށް ބަރޯސާވާނެ)
- ޖަވާބު ދެމުން ގެންދާ ވަރަކުން ފީޑްބެކް ލިބޭނެ (މި ސިފަ ކުއިޒް ފަރުމާކޮށްފައިވާގޮތަށް ބަރޯސާވާނެ)
ސްކޫލުތައް ބަންދުކުރެވި އޮންލައިންކޮށް ކިޔަވައިދޭން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންނަށް ފިލާވަޅުތައް ދަސްވެފައިވާ މިންވަރު ވަޒަންކުރުމަށްޓަކައި މަސައްކަތްތައް ނުވަތަ ހޯމްވަރކްތައް ދަރިވަރުންނަށް ހަވާލުކުރުމުގައި ކުއިޒިޒްގެ އަޖުމަ ބަލައިލާނެކަމަށް އުންމީދުކުރަމެވެ. ވަކިން ހާއްސަކޮށް ޕްރީސްކޫލް އަދި ޕްރައިމަރީގެ ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ފިލާވަޅުތައް ދިނުމުގައެވެ.