ހދ ހަނިމާދޫ އަކީ އުތުރުގެ ރަށް ތަކަށް ބަލާއިރު އެންމެ ބާރުމިނެއްގައި ތަރައްގީ ވަމުން އަންނަ އެއް ރަށެވެ. ހަނިމާދޫއަށް ނަޒަރު ހިންގާލާއިރު ފުރަތަމަވެސް ފެނިގެން ދަނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ ބޮޑު ބަނދަރެކެވެ. އަދި ބައިނަލްއަގުވާމީ މާސިންގާ ވައިގެ ބަނދަރަކާއެކު ރަނގަޅު ފެންވަރަށް ތާރު އަޅައި ތަރައްޤީ ކޮށްފައިވާ މަގު ތަކެކެވެ.
1200 ފޫޓްގެ ބޮޑު ބަނދަރަކީ އެއްގަމު ތޮށީގައި އެލްބުލޮކު ޖަހައި ވާޓަރު ލައި ބޭރު ތޮށީގެ ދެފަރާތުގައި ބޮޑު ހިލަ ޖަހައި އަދި ލޯންޗު ފަހަރު ކައިރި ކުރެވޭ ގޮތައް ބޭރު ތޮށީގައި ވަރުގަދަ ކޮންކްރީޓް ފާލަމަކާއި އެކު ބޭރު ތޮށްޓަށް އަރާ ފޭބޭ ގޮތަށް އެހާމެ ފަހި ބުރިޖެއް ހިމެނޭ ގޮތަށް ހަދާފައިވާ ފުރިހަމަ ޒަމާނީ ބަނދަރެކެވެ.
ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު އިރު ކުރިން ބޭނުންކުރި ބަނދަރުން މަރާމާތު ކޮށްފައި ވަނީ އެއްގަމު ތޮށީގެ ވާޓަރު އެކަންޏެވެ. ބުލޮކު ތަކަކީ ކުރީގައިވެސް ހުރި ބުލޮކުތަކެވެ.
ހިތާމައަކީ އަކީ ކުރީގެ ބަނދަރުގެ ބައެއް މިހާރު ވަނީ އަރިއަޅާލައި ވެއްޓުމުގެ މަގުމަތީގައި ކަމެވެ. މިއީ ހަމަ ކުއްލިއަކަށް ވީ ކަމެއް ނޫން ކަން ހަނިމާދޫ ގެ ހުރިހާ ރައްޔިތުން ވެސް ދަންނާނެ އެވެ. މިއީ ބަނދަރު ބޭނުންކުރުމުގައި ހެދިފައިވާ ގަވާއިދު ތަކާއި އުސޫލުތައް ދޫކޮށް ބަނދަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ބޭފުޅުންގެ އިރުޝާދު ތަކަށް ނުބަލައި އެބަޔަކު ބޭނުން ވާހާ ގޮތަކަށް ބަނދަރު ބޭނުން ކުރަމުން ގެންދިއުމުގެ ނަތީޖާއެވެ.

މިއީ ކޮންމެ ބައެއްގެ އަމަލެއް ކަމުގައި ވިއަސް މިއީ ވަރަށް ބޮޑު އިހުމާލެކެވެ. މިކަން ބޮޑު ކަމަކަށްވެ މިވާހަކަ ދައްކަނީ ވަރަށް މަދު ބައެކެވެ. ތަންކޮޅެއް ހަރު ކޮށް މިވާހަކަ ދައްކައިގެން ނޫނީ މިފަދަ ކަންކަން ހައްލު ވެގެންނެއް ނުދާނެއެވެ. ބަނދަރެއް ހެދުމަކީ ކިހާ ބޮޑު މަސައްކަތްތަކެއް ކަން ނޭނގޭނެ މީހަކު ހުންނާނެ ބާވައެވެ! އަދި ބަނދަރެއް ހެދުމަށް ހިނގާނެ ހަރަދަކީ ވެސް ބޮޑު ހަރަދެކެވެ.

ކޮންމެ ގޮތެއް ވާން ދޫކޮށް ނުލާ މިކަމުގައި ޒިންމާ ނަންގަވަން ތިއްބެވި ބޭފުޅުން މިކަމުގެ ޒިންމާ ނަންގަވާށެވެ. މިކަމުގައި އާންމު ރައްޔިތުން ވެސް މިކަމަށް ފާރަވެރިވެ އެއްބާރުލުން ދެއްވާށެވެ. ގަވާއިދު ތަކާއި އުސޫލުތައް މުގުރާ ފަރާތް ތަކަށް އެފަރާތް ތަކަށް އެޅެންހުރި ފިޔަވަޅުތައް އަޅުއްވާށެވެ. ނޫންނަމަ ކުރި މަގުގައި މިއައްވުރެ ބޮޑެތި ގެއްލުން ތަކާއި ކުރިމަތިލާން ޖެހޭނެ ކަން ކަށަވަރުވެ.


