ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ނޭޝަނަލް ޕެޓްރޯލް ކޭމްޕް، މާލެއަތޮޅު ކުޑަގިރީގައި އިއްޔެ ފަށައިފިއެވެ.
މިއީ ސްކައުޓް ދަރިވަރުންގެ ތެރޭގައި އިސްކޮށް މަސައްކަތް ކުރާ ސްކައުޓުންނަށް ލީޑަރ ޝިޕް ހުނަރުތައް ދަސްކޮށްދިނުމާއި ސްކައުޓުންނަށް ލިބިފައިވާ ހުނަރުތައް ދައްކާލުމާއި ޕެޓްރޯލްތަކުގެ ރޫހް އިތުރަށް ވަރުގަދަކޮށް، ސްކައުޓް ޙަރަކާތުން ލިބިފައިވާ ތަޖުރިބާތައް އެއްބަޔަކު އަނެއް ބަޔަކަށް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެގޮތުން ކުރިއަށްގެންދާ ކޭމްޕެކެވެ.
މި މަހުގެ 22 އިން 25 އަށް ބާއްވާ މި ކޭމްޕްގެ ތީމަކީ “އަނބުރާ އަސާސްތަކަށް – ސްކައުޓިންގެ ރޫހު އަލުން ހޯދުން” މިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 51 ސްކޫލަކުން 437 ސްކައުޓުންނާއި ލީޑަރުން މި ކޭމްޕްގައި ބައިވެރިވާއިރު، ބައިވެރިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދިނުމާއި މަޢުލޫމާތު ހިއްސާކުރުމާއި ކޭމްޕް ހިންގުމުގައި ސްޓާފުންގެގޮތުގައި 50 ވަރަކަށް ބޭފުޅުން ބައިވެރިވާކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.
މި ކޭމްޕްގައި ހިންގާ ޙަރަކާތްތަކުގެ ތެރޭގައި، ބައިވެރިން އަމިއްލައަށް ކޭމްޕްސައިޓްތައް ޤާއިމުކުރުމާއި ދުވަހުން ދުވަހަށް ކުރާ ޙަރަކާތްތައް މެނޭޖްކުރުމާއި ކަނޑައެޅިފައިވާ ވަގުތުތަކަށް ކަންކަން ކުރުމާއި އޯޕަން ފަޔަރ ޖެހުމުގައި އޮންނަ ސަލާމަތީ އުޞޫލުތަކާ އެއްގޮތަށް އެކަން ކުރުމާއި އަމިއްލައަށް ކެއްކުމާއި ޕައިނިއަރިންގެ ހުނަރުތައް ދައްކާލުންވެސް ހިމެނޭނެއެވެ.
މީގެއިތުރުން، ގުޅިގެން ޓީމެއްގެގޮތުގައި މަސައްކަތް ކުރުމާއި ޒިންމާދާރުކަމާއި ތިމާގެ ކަންކަން ތިމާ އަމިއްލައަށް ކުރުމާއި ޖިސްމާނީ އަދި ރޫހާނީ ތަރުބިއްޔަތު އުނގަންނައިދިނުމުގެ ޙަރަކާތްތައްވެސް، މި ކޭމްޕް ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
ނޭޝަނަލް ޕެޓްރޯލް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގެ ބައެއްގެގޮތުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުޑަގިރީގައި ގަސްއިންދުމުގެ ޚާއްސަ ޙަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ކޭމްޕްގެ ހުރިހާ ބައިވެރިންގެ ފަރާތުން ކުޑަގިރިއަށް ދޫކޮށްލާނެ ފެހިކަމުގެ ނިޝާނެކެވެ. އެއާއެކު، މިއީ ދިވެހި ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެގޮތުން ދިވެހިރާއްޖޭގެ ސްކައުޓް ޖަމްއިއްޔާއިން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ބައެއްކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ސްކައުޓް އެސޯސިއޭޝަނުން އިތުރަށް ބުނެފައިވަނީ، މިފަދަ ކޭމްޕްތަކަކީ ސްކައުޓުން ސްކޫލްގައި ދަސްކުރާ ސްކައުޓް ޙަރަކާތުގެ ހުނަރުތައް ދަސްވެފައިވާ މިންވަރު ޢަމަލީގޮތުން ދެއްކުމަށް ލިބޭ ފުރުޞަތެއްކަމަށާއި މި ކޭމްޕްގައި ހިންގާ ޙަރަކާތްތަކަކީ ސްކައުޓުންނަށް އެމީހުންގެ ސްކައުޓިންގ ހުނަރުތަކާއި ޤާބިލުކަން، ޙަޤީޤީ ދުނިޔޭގެ މާހައުލުގައި ދައްކުވައިދިނުމުގެ މަންސައެއްގެ ގޮތުގައި ޚިދުމަތްކުރާނެ ކަންކަންކަމަށެވެ.


