ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުގެ ފަރާތުން ކުރިއަށް ގެންދާ ސާއްބަ އެނިވާސަރީ ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލައިލުމަށް ރޫހު އަދި ޝީލްޑުންވެސް ފުރިހަމައަށް ތައްޔާރުކަމަށް އެދެޓީމުން ބުނެފިއެވެ.
އިއްޔެ ހަނިމާދޫ ރަސްމީ ބޯޅަދަނޑުގައި ދެޓީމުން ކުރި ފަހުގެ ފަރިތަކުރުމުގެ ތެރެއިން ގޮށްކޮޅާ މައުލޫމަތު ހިއްސާކުރަމުން ރޫހު ޓީމުގެ މެނޭޖަރު ހަސަން މޫސާ ވިދާޅުވީ ” 100 ޕަސެންޓް ރަރުގައި ތިބި ކުޅުންތެރި ލައިގެން ޓީމު ފައިނަލަށް އާދެވުނީ އެކަތި ގަނޑެއްގެ ގޮތުގައި ޓީމު ކުރި ހިތްވަރުން ކަމަށާއި މުހިންމު ކުޅުންތެރިއެއް ކަމުގައިވާ އަބުދުﷲ ޝާކިރު އިންޖަރީގައި ހުރި ކަމުގައި ވިޔަސް އުއްމީދަކީ އޭނާއަށް ފައިނަލުގައި ކުޅެވުން ކަމަށާ، އޭނާ ނެތް ހާލަތައްވެސް ޓީމު ތައްޔާރުކަމަށާ ޝީލްޑް ބަލިކޮށް ތަށި ނެގޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.”
ޝީލްޑް ޓީމުގެ މެނޭޖަރާ ވާހަކަ ދައްކާލުމުން ބުނީ ” ރޫހު ޓީިމަކީ ވަކި ބަލި ބައެއްނޫންކަމަށާ މީގެ ކުރިން ބައްދަލު ކުރި މެޗުން މޮޅުވެވުނު ކަމުގައި ވިއަސް މިއަދުގެ މެޗު އުނދަގޫ ވާނެކަމަށާ އުނދަގުވީ ކަމުގައި ވިޔަސް މެޗުން މޮޅުވާނެ ކަމުގެ އުއްމީދު އެބައޮތްކަމަށާ ހުރިހާ ކުޅުންތެރިން މިއަދުގެ މެޗަށް ފިޓުކަމަށެވެ.”
2008 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ “ސާއްބަ އެނިވާސަރީ ކަޕް” ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި 2011 ވަނަ އަހަރު ރޫހު ޓީމުން ވަނީ ވާދަކޮށްފައެވެ. އެފަހަރު ޔޫތު ފުރެންޑްސް އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ރޫހު ވަނީ ބަލިވެފައެވެ. މިއީ ރޫހު ޓީމަށް މިތަށި އުފުލާލަން ލިބޭނެ ދެވަނަ ފުރުސަތެވެ. މި އަހަރުގެ މުބާރާތަކީ ޝީލްޑުން މި މުބާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ.
މިއަދުގެ މެޗު ގޮށްކޮޅުގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ފޮނުވާގޮތަށް ވަނީ ހަމަޖެހިފައެވެ.