ޔޫވީ މޮޅުވާން ދަނިކޮށް ފަހު މިނެޓުގައި ޓީސީން ޕޮއިންޓެއް ހޯދައިފި

ޚަބަރު ފަހުގެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ގައުމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި، މެޗަކުން މޮޅުނުވެ އޮތް ޔޫވީން ގިނަ ހަމަލާތަކެއް އުފެއްދި އެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ކުރިން ޓީސީއަށް ކުޅެފައިވާ މިޑްފީލްޑަރު އަނަޓޮލީ ވްލާސިޗޭވް ފޮނުވާލި ހިލޭ ޖެހުމެއް ޓީސީގެ ގޯލްކީޕަރު އާޒާރު އެލްމަޑިން ދިފާއުކުރި އިރު، އޭގެ ފަހުން އޭނާ ފޮނުވާލި ހިލޭޖެހުމެއް އަރިމަތި ދަނޑި ކައިރިން ބޭރަށް ދިޔައެވެ. އަދި އަލީ ހައިޝަމް (ޗުމްޕު) އަށް ވެސް ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގައި ޔޫވީން ލީޑު ނެގީ މެޗުގެ 59 ވަނަ މިނެޓުގަ އެވެ. އިސްމާއިލް އީސާ ނެގި ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން އެ ގޯލު ކާމިޔާބު ކުރީ ޔޫވީގެ ބިދޭސީ ޑިފެންޑަރު އަޒިނިއަޒޯފް މަރަޓް އެވެ.

އެ ގޯލާއެކު ޔޫވީން ތިން ޕޮއިންޓް ކަށަވަރު ކުރަން ދަނިކޮށް، އެކަން ނާކާމިޔާބު ކޮށްލައި ޔޫވީ މާޔޫސް ކޮށްލީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޓީސީން ގޯލެއް ޖެހުމުންނެވެ. އިބްރާހިމް އަބްދުލްވާހިދު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައިން އެ ގޯލު ކާމިޔާބު ކުރީ އަޖުފާން މުހައްމަދެވެ.

ޓީސީއަށްވުރެ ހުރިހާ ގޮތަކުންވެސް ވަރުގަދަ ސްކޮޑެއް އޮތް ޔޫވީ ކުޅުނު ހަތަރު މެޗުން ލިބުނީ ދެ ޕޮއިންޓެވެ. އެއީ ރޭގެ މެޗާއެކު އެންމެ ފަހުން ކުޅުނު ދެ މެޗު އެއްވަރުކޮށްގެން ލިބުނު ދެ ޕޮއިންޓެވެ. ޓީސީ ވަނީ ހަތަރު މެޗުން ފަސް ޕޮއިންޓް ހޯދައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ